މި ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ދެ ވަނަ ފިޔަވަހީގައި އަޅާ ޓަވަރުތަކުގެ ސްޓްރަކްޗަރތަކުގެ މަސައްކަތް އަންނަ އޮގަސްޓުމަހަށް ނިންމާލެވޭނެ ކަމަށާއި މި ސަރުކާރުގައި 8 ޓަވަރަށް މީހުންނަށް ވަދެވޭނެ ކަމަށް އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން އަމާޒު ހިފާފައި ހުރީ މިއަހަރުގެ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި ޖުމްލަ 13 ޓަވަރުގެ މަސައްކަތް ނިންމާ އެ ހުރިހާ ޓަވަރަކަށް ވެސް މީހުންނަށް ވަދެވޭވަރު ކޮށްދިނުމެވެ. މި ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފްލެޓުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފައްޔާޒު ވިދާޅުވީ އޮގަސްޓު މަހުގެ ތެރޭގައި ޓަވަރުތަކަށް މީހުން ވަނދެވޭ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

[caption id="attachment_49693" align="alignnone" width="1176"] ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރަމުން ގެންދާ ފްލެޓެއްގައި ދައްކާލުމަށް ހަދާފައިވާ އެޕާޓްމަންޓެއް -- ފޮޓޯ/ ފަހި ދިރިއުޅުން ކޯޕަރެޝަން[/caption]

"އަޅުގަނޑުމެން މި ބަލަނީ އޮގަސްޓު ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗާ ނިމޭނެ، އޭގެއިން އަށް ޓަވަރަށް މީހުން ވަނދެވޭވަރު ކުރަން" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބޯހިޔާވަހިކަންތައްތަކުގެ މައްސަލަ ބަލަން ސަރުކާރުން އުފައްދާފައިވާ ފްލެޓް ކޮމިޓީން ބަލާނެ ކަމަށެވެ.