ޗާގޮސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން މިއަދު ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ނިންމުމާ ގުޅިގެން ރާއްޖެއިން ސަރަހައްދެއް އުނިވެގެން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ވަޒީރުންނާ އެކު، ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިން ކަނޑައެޅުނީ "އަދި ކިރިޔާ" ކަމަށެވެ.

"އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ސަރަހައްދުން ތަނެއް އުނިވެގެން ދިޔައީކީ ނޫން. އަދި ކިރިޔާ އިން ކަނޑައެޅިގެން މިދިޔައީ. ދެން މީގެ ތެރެއިން ތަނެއް އުނިވާކަމުގައި ވަންޏާ، އެ ވާނީ ތަނެއް ގެއްލިގެން ދިޔައީ ކަމަށް،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ 1976 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ބައުންޑްރީ ކަނޑައެޅިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖޭގެ ދެކުނުގެ ބައުންޑްރީ ކަނޑައެޅިފައި ނުވާ ކަމަށެވެ. އާބިޓްރޭޝަންގެ މިއަދުގެ ނިންމުމާ ގުޅިގެން، ރާއްޖޭގެ އިން ކަނޑައެޅިގެން ގޮސްފައި އެ ވަނީ ބައިނަލް އަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މިހާރު ރާއްޖެއަކީ އިން ވަކިކުރެވިފައިވާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނިންމުމަކީ ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިޓްލޮސްގެ ނިންމުމާ އެއްގޮތަށް، ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓާނެ ގޮތްތަކަކާ ދޭތެރޭ މަޝްވަރާ ކުރެވުނު ކަމަށެެވެ. އަދި ސިފައިންގެ ކޯސްޓްގާޑުން އެ ސަރަހައްދު ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ވަޒީރުން މަޖިލީހުގައި މަޝްވަރާ ކުރެވުނު އެއް ކަންތައް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދުގެ ނިންމުމާއެކު ބައިނަލްއަގުވާމީ އުސޫލުގެ ތެރެއިން އިން ވަކިކުރެވިފައިވާ ގައުމަކަށް ރާއްޖެ އަދިކިރިޔާ ވެގެން ދިޔައީ ކަމަށެވެ.

އެ ނިންމުމާއެކު ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ދެން ވަކާލާތު ކުރެވިދާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުމް ރައީސް ވަނީ ތާރީހުންނާއި ގާނޫނީ ގޮތުން ވެސް ޗާގޯސް އަކީ ދިވެހިންގެ ތަނެއްކަން ފެންނާކަށް ނެތް ކަމަށް ވިދާޅުވެފައެވެ.