ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ދައްކަންޖެހޭ މުއްދަތު އިތުރު ކުރުމަށްފަހު، މަހަކު ދައްކަންޖެހޭ އަދަދު 5،300 އަށް ކުޑަކުރަން ސަރުކާރުން ނިންމައިފިއެވެ.

ހިޔާ ފްލެޓުތަކުގެ ކުއްޔާއި މެއިންޓެނެސް ފީއާއެކު މަހަކު މިހާރު ދައްކަންޖެހެނީ 8،500 ރުފިޔާއެވެ. އެއީ ކުއްޔަށް 7،500 އެވެ. އަދި މެއިންޓެނެސްއަށް 1،000 ރުފިޔާއެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމީ “ހިޔާ ރައްޔިތުންގެ ގުޅުން” ޖަމިއްޔާއާ އެކު، މިދިޔަ މަހު ރައީސް ސާލިހު ބޭއްވި ބައްދަލުވުމުގައި ލިބުނު ހިޔާލުތަކަށް ބެލުމަށްފަހު ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ހަތާވީސްއަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ހަތާވީސް"އަށް ވިދާޅުވީ އެ ހިޔާލުތަކަށް ބަލައި، ކަމާގުޅޭ ފަރާތްތަކާ އެކު އާބަންކޯއިން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެއަށްފަހު، ކުލި ދައްކަންޖެހޭ މުއްދަތު 25 އަހަރުން 32 އަހަރަށް ދަންމާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކުލި ދެއްކުމަށް އިތުރުކޮށްފައި އެ ވަނީ ހަތް އަހަރުގެ މުއްދަތަކެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 25 ޓަވަރުގައި 7،000 ވުރެ ގިނަ ފްލެޓް ހުރެއެވެ. އިން ފްލެޓެއްގެ ޖުމްލަ އަގު ދެ މިލިއަނަށް ވުރެ ބޮޑެވެ.

ހިޔާގެ ކުލި ކުޑަކުރުމާ ގުޅިގެން، އާބަންކޯގެ ޕަބްލިކް ރިލޭޝަން މެނޭޖަރ އަހުމަދު މިމްރާހު ވިދާޅުވީ ކުލި ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"ހިޔާފުލެޓުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތަށް ، ރައީސް އޮފީހާއި ހައުސިންގ މިނިސްޓްރީ އަދި އަރބަންކޯ ގުޅިގެން ކުރިއަށް އެބަދޭ. މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް ހިޔާ ފުލެޓުގައި ދިރި އުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެ،" މިމްރާހު ވިދާޅުވިއެވެ.

"ހިޔާ ރައްޔިތުންގެ ގުޅުން"އާ އެކު މިދިޔަ މަހު ރައީސް ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ފްލެޓުތަކުގެ ވެރިން ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ބޭންކުން ނަގާފައިވާ ލޯނުގެ މުއްދަތާއި ހަމައަށް ކުލި ކުޑަ ކުރުމާ ގުޅޭ ގޮތުންނެވެ.