ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ނެރެފައިވާ ބަޔާނަށް ދިވެހި ސަރުކާރުން ރައްދު ދީފިއެވެ.
ސަރުކާރުން މިރޭ ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ އިދިކޮޅުގެ ބަޔާނުގައިވާ ގޮތާ ހިލާފަށް ދިވެހިރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސޯދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެ ކަމަށެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނީ އ.ދ.ގެ އާއްމި މަޖިލީހުގެ ގަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" ގަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެގަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.
އެ ނިންމުން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެން ކަމަށް ސަރުކާރުން ބުނެއެވެ.
”އ.ދ.ގެ އާއްމު މަޖިލީހުގެ އެގަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ގަރާރެއް ނޫނެވެ. މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް ވާނީ އަންގާފައެވެ” ދިވެހި ސަރުކާރުން ބުންޏެވެ.
އ.ދ.ގެ އާއްމު މަޖިލީހުގެ ގަރާރު "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވާނެ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އ.ދ.ގެ އާއްމު މަޖިލީހުން އެގަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެގަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫން ކަމަށާއި އަދި އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫން ކަމަށް ސަރުކާރުން ބުނެއެވެ.
“މީގެއިތުރުން، ރާއްޖެއިން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޤަރާރާ ދެކޮޅަށް ލީ ވޯޓަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫނެވެ” ސަރުކާރުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ވެސް ދޮގުކޮށްފައިވެއެވެ.
ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދެއްގައެވެ.
އެ ސަރަހައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫން ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިއްބައިދީފައިވާ ބާރެއް ކަމަށާއި އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ.
“މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީއެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައެވެ” ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗާގޯސް މައްސަލާގައި އަމަލުކުރި ގޮތްތައް ފާހަގަކުރަމުން ސަރުކާރުން ބުންޏެވެ.
މިފަދަ މައްސަލައެއްގައި ދިވެހި އާއްމު ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައު އަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަ ކުރާ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން އެ މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ބަޔާނުގައިވެއެވެ.