ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާ ޗުއްޓީ އަށް ދިޔައިރު މަޖިލީހުން ފާސްކުރީ އެންމެ ދެ ބިލުކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުރީ ދައުރުން ލިބުނު 20 ބިލާއި މި ދައުރަށް އަލަށް ހުށަހެޅި 11 ބިލާއެކު 31 ބިލެއްގެ މަސައްކަތް ކުރުމަށް އޮތެވެ.

މީގެތެރެއިން 24 ބިލެއްގެ މަސައްކަތް އުޅެނީ ކޮމެޓީ މަރުހަލާގައެވެ. މަސައްކަތް ނިމުނީ ދެ ބިލެއްގައެވެ.

މިދިޔަ ދައުރާއެކު މިއަހަރުގެ ފުރަތަމަ ދައުރުގައި 30 ގަރާރެއްގެ މަސައްކަތް ހުށަހެޅުނެވެ. މީގެތެރެއިން 13 ގަރާރެއް ތަޅުމުގައި އޮތްއިރު 10 ގަރާރެއް އޮތީ ކޮމެޓީ މަރުހަލާގައެވެ. މަސައްކަތް ނިމުނީ ހަތް ގަރާރެއްގައެވެ.

ސަރުކާރުން ޖުމްލަ 13 މައްސަލައެއް ހުށަހެޅިއެވެ. މީގެތެރެއިން 10 މައްސަލައެއް ވަނީ ނިމިފައެވެ.

މިދިޔަ އަހަރުގެ ފަހު ދައުރާއި މިއަހަރުގެ ފުރަތަމަ ދައުރާއެކު ވަޒީރުންނާއި 92 ސުވާލެއް ހުށަހެޅުނެވެ. މީގެތެރެއިން 51 ސުވާލެއް އަދިވެސް ނުކުރެވެއެވެ. ކުރެވުނީ 41 ސުވާލެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ނިމިގެން ދިޔައިރު މަޖިލީހުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 38.9 ޕަސެންޓުގައެވެ. މިއީ އެހެން ދައުރުތަކާއި އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.