ގދ. ތިނަދޫ ރައްޔިތުން ދަތުރުދާނެ ރަށެއް ފަޅުތެރޭން ހިއްކާ ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ފަށައިފިއެވެ.
ތިނަދޫގެ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިއީ 17.86 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
އެ ރަށަކީ ބޮޑު ފަޅެއް އޮންނަ ރަށަކަށްވާތީވެ ރައްޔިތުން އެދުނީ ޕޯޓުގެ ބިން އިތުރުކޮށް ރައްޔިތުންނަށް ޕިކްނިކަށް ދެވޭގޮތަށް ތަންކޮޅެއް ހަމަޖައްސައިދޭށެވެ. ތިނަދޫ ކައުންސިގެ ނައިބް ރައީސް "ހަތާވީސް" އަށް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ނިންމި ނިންމުމާއި މެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ކަމަށެވެ.
"ރައްޔިތުން ބޮޑަށް ބޭނުންވަނީ ތަންކޮޅެއް ބޮޑަށް ނެރު ބައްތިއާ ހަމަޔަށް އިތުރުކޮށްލަން. އެގޮތަށް މިނިސްޓްރީން ނިންމާފައި ޕްލޭންކޮށްފައި އަދި އިތުރަށް ރައްޔިތުން ހަމަ ޕިކްނިކް ދާނެ އައިލެންޑެއް ފަޅު ތެރެއިން ހިއްކާ ދޭގޮތަށް 470 އަކަ މީޓަރުގެ ގާތްގަނޑަކަށް 1600 ސޮކެޔާ ބިން ހިއްކައިދޭ ގޮތަށް" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މި ނޫހަށް ދިން އިންޓަވިއުއެއްގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ އެ ރަށު ޕޯޓު ވެގެން ދަނީ މުޅި ހުވަދޫ އަތޮޅުގެ ވިޔަފާރި ކުރިއަރުވާ އަދި އަތޮޅުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ޕޯޓަކަށެވެ.
އޭނާ ވިދާޅުވީ ޕޯޓުގެ މަސައްކަތް ކުރިއަށްދާއިރު ރާއްޖޭގެ އެކި ދިމާލުން ތިނަދޫގައި ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ބައެއް ވިޔަފާރިތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު މި ވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ބިން ނެތުން ކަމަށެވެ.
ކައުންސިލުން އަމާޒަކީ ވިޔަފާރި ކުރަން ބޭނުންވާ ހުރިހާ ފަރާތްތްކަށް ފުޅާ މިނެއްގައި ޖާގަ ތަނަވަސް ތަނެއްގެ ރަށެއްގެ ގޮތުގައި ތިނަދޫ ހެދުމެވެ. އެއާއެކު އެ ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މި ކަންތައްތަކުން ހާމަވެގެން ދަނީ ތިނަދޫއާ މެދު މި ސަރުކާރުން ގެންގުޅޭ ތަސައްވަރުގެ ފުރިހަމަކަން ކަމަށެވެ.