ނޫސްވެރިޔާ ލިޔާ ހަބަރެއްގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ހައިކޯޓުގައި އެދެވޭނެ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުވުމުން އަނބުރާ ކޮމެޓީ އަށް ފޮނުވާލަން ނިންމައިފިއެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި އެ ބިލު ފާސްކުރުމާއި ގުޅޭ ގޮތުން ވޯޓަށް އެހުމުން 31 މެންބަރުން ވޯޓު ދެއްވީ ބިލު ފާސްކުރުމާއި ދެކޮޅަށެވެ. ބިލު ފާސްކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އެހެންކަމުން ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ ބިލު އަނބުރާ ކޮމެޓީ އަށް ފޮނުވުމާއި ގުޅޭ ގޮތުން ވޯޓަށް އަހައިފައެވެ.
އެގޮތުން 31 މެންބަރުން ވަނީ ބިލު އިތުރަށް ފުރިހަމަ ކުރުމަށް އަނބުރާ ބިލު ޖުޑީޝަރީ ކޮމެޓީ އަށް ފޮނުވަން ވޯޓު ދެއްވައިފައެވެ.
ޖުޑީޝަރީ ކޮމެޓީން ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅިއިރު އޮތީ ނޫސްވެރިޔާ ލިޔާ ހަބަރެއްގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ހައިކޯޓުގައި އެދެވޭނެ ގޮތަށެވެ.
އެ ބިލު ހުށަހެޅުއްވިއިރު ބިލުގައި އޮތީ ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީ އަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އެ ބިލުގައި ބުނެފައިވާ ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް ބިލު ހުށަހެޅިއިރު ބިލުގައިވެއެވެ.
އިސްލާހުގައި އެގޮތަށް އޮތުމުން ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގައި މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި އަދި ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް ވަނީ އެ ކަންބޮޑުވުންފާޅުކޮށްފައެވެ.
ޖުޑީޝަރީ ކޮމެޓީން މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ ކަންކަން މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ހައިކޯޓުން ރިއާޔަތް ކުރަން ވާޏީ ގާނޫނުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރު ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް ހުށަހެޅި ހުށަހެޅުމާ ގުޅުންހުރި ކަންކަމަށް ކަމަށެވެ.
ކޮމެޓީން މިގޮތަށް ގެނެސްފައި ވަނީ ބިލު ދިރާސާކުރިއިރު ނޫސްވެރިންނާއި މީޑިއާތަކުން ދީފައިވާ ހިޔާލުތަކާއި މަޝްވަރާތަކަށް ބެލުމަށްފަހުއެވެ.