އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަ ރަށެއްގައި ކުރިޔަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދޫކޮށްފިއެވެ.
މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.
މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ.ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް" ގާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ.ތިނަދޫ އަބޫބަކުރު ސްކޫލާއި ލ.ގަން ސްކޫލް އަދި ހއ.ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތުދެއެވެ.
އެގޮތުން އިންޑިއާ އިން ވަނީ އެ ރަށްތަކުގެ މަޝްރޫއުތަކަށް ބޭނުންވާ ޖުމްލަ އަދަދުގެ ބައެއް ކަމަށްވާ، 2.73 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
ގދ.ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް" ގާއިމުކުރުމުގެ މަޝްރޫއުގެ އަމާޒަކީ ރައްޔިތުންނަށް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮތުގައި މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަމްރީނާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ޤާއިމްވެފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކޮށްދިނުމެވެ. އަދި އެތަނުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވައި މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަމު އަަދި ހއ އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމުގެ މަޝްރޫއުގރ އަމާޒަކީ އައިއީއެސް ޔުނިޓްތަކުގެ ކެޕޭސިޓީ އާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
އިންޑިއާއިނ ްވަނީ ތ.ވޭމަންޑޫގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން 100 މަގުބައްތި ހަރުކުރުމަށް ވެސް ހިލޭ އެހީ ދީފައިއެވެ.
ހައި ކޮމިޝަނުން ބުނީ މިހާރު ނިމި އިފްތިތާހު ކުރުމަށް ތައްޔާރުވެފައިވާ އެ މަޝްރޫޢުގެ ދަށުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކޮށް، މެއިންޓެނެންސް ހަރަދުވެސް ކުޑަކޮށް، ރަށުގެ މަގުބައްތި ޖެހުމުގެ ރަނގަޅު ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށެވެ.
އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގާ 28 ހައި އިމްޕެކްޓް ޕްރޮޖެކްޓްތައް ޙާއްސަ ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި އިކޯ ޓޫރިޒަމް، ދެމެހެއްޓެނިވި ތަރައްގީ، ޓޫރިޒަމް، ކުޅިވަރު، ދަނޑުވެރިކަން، ސަގާފަތް، ސިއްހީ، ޖަޒީރާ އުމްރާނީ އަދި ތައުލީމީ ދާއިރާ ހިމެނެއެވެ.