މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 98 މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ހާމަކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މިނިސްޓްރީ އަށް މިދިޔަ މަހު ޖުމްލަ 206 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެތެރެއިން އެންމެ ގިނައީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކެވެ.

ޖެންޑާ އިން ބުނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި އިހުމާލުގެ މައްސަކަތައް ކަމަށެެވެ. އިހުމާލުވުމުގެ 29 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖިންސީ ހާނިކައި އާއި ޖިސްމާނީ ހާނިކައިގެ މައްސަލަތައް ކަމަށެވެ. އެ ގޮތުން އެ ބާވަތުގެ 14 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ބާވަތުގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ ތިން މައްސަލަ އާއި ނަފްސާނީ ހާނިކައިގެ 9 މައްސަލައެއް ހިމެނޭ ކަމަށް ޖެންޑާ އިން ބުނެއެވެ.

ޖެންޑާ އިން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ އެއް މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށެވެ.

އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 13 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

ޖެންޑާ އިން މައުލޫމާތުދޭ ގޮތުގައި ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 13 މައްސަލަ އާއި ކުދިން ބެލުމުގައި ޖެހޭ 4 މައްސަލަ، އަދި ހަޟާނާތުގެ އެއް މައްސަލައެެއް ހިމެނެއެވެ.