ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާ ކުނި މެނޭޖު ކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅިއިރު އޭގައި އިސްތިސްނާ ހާލަތްތަކެއް ސަރުކާރުން ހުށަހަޅާފައި ވާނެ ކަމަށާއި އެކަމަކު ބިލު މަޖިލީހުން ފާސްކުރިއިރު އެ ހާލަތެއް ނެތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ ސަރުކާރުން ޕްލާސްޓިކް ކޮތަޅަށް ފީ ނެގުމަށް ނިންމީ އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ބުރައެއް ޖެއްސުމުގެ ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.
”ރައްޔިތުންނަށް ނޫފުލޭ ވަރުގެ ތަކުލީފަކަށް މިކަން ވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން," ޝައުނާ ވިދާޅުވިއެވެ.
މި މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. ނަމަވެސް މަޖިލީހުގައި މިނިސްޓަރު ޝައުނާ ވަނީ އެކަމުގައި ގިނަ ބަޔަކަށް ނޭނގޭ ވާހަކައެއް ވިދާޅުވެދެއްވާފައެވެ.
އެގޮތުން ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގެން ފެށި ބިލު މަޖިލީހަށް ހުށަހެޅިއިރު ފީ ނުނެގޭނެ ހާލަތްތަކެއް ވެސް އޮތެވެ. އޭގެތެރޭގައި ކާޑުގެ ބާވަތްތައް ގަންނައިރު އަންނަ އިސްތިސްނާއާ ހޯލްސޭލްކޮށް، 50 ނުވަތަ 50 އަށް ވުރެ ގިނަ ކޮތަޅު ގަންނަ ނަމަ ފީ ނުނެގޭނެ ހާލަތްތައް ހިމެނެއެވެ.
ނަމަވެސް ބިލު ފާސްވެގެން އައިސްފައި ވަނީ ސަރުކާރުން ބިލު ހުށަހެޅި މަގުސަދާއި މުޅިން ހިލާފަށެވެ.
ޝައުނާ އެފަދައިން ވިދާޅުވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އިސްތިސްނާތައް އުނިކުރީ “ސަރުކާރުން ވެސް ވާގިވެރިވެގެން” ކަމަށެވެ.
ނަޝީދުގެ ވާހަކަފުޅާއި ގުޅޭ ގޮތުން މިނިސްޓަރު ޝައުނާ ވަނީ ކޮމެޓީން އެ އިސްތިސްނާތައް އުނިކުރި ނަމަވެސް، އެކަން ކޮށްފައިވާ ސަބަބެއް ހާމަ ކޮށްފައި ނުވާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފައެވެ. އެ އިސްލާހުގައި ކޮތަޅުން ފީ ނުނެގޭނެ އިސްތިނާ ހާލަތްތަކެއް ހިމަނާފައިވެއެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ އިއްޔެ މަޖިލީހުގައި ފަށައިފައެވެ.