ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލުމާއެކު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް، ޔާމީންގެ ކެންޑިޑޭސީ ފައިލް ކުރާނެ ކަމަށާއި އެމަނިކުފާނު ނޫން އިތުރު އެއްވެސް ކެންޑިޑޭޓެއް އިދިކޮޅުގައި ނެތް ކަމަށް އެޕާޓީން ބުނެފިއެވެ.
އިދިކޮޅުން މިފަދައިން ބުނެފައި މިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އިދިކޮޅު ކޯލިޝަނުގައި ރައީސް ޔާމީން ނޫން އިތުރު ކެންޑިޑޭޓެއް ނުހުންނާނެ ކަމަށް ތަކުރާރުކޮށް ބުނަމުން މިދަނީ، ޕީޕީއެމްގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ޓިކެޓަށް އެންމެ ބޮޑަށް ފާރަލަމުން ގެންދަވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި މުއިއްޒު އަށް ޕީޕީއެމްގެ ބައެއް ކައުންސިލް މެންބަރުން ކެމްޕެއިން ކުރައްވާ ކަމަށްވެއެވެ. އެކަމާއި ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް ފަރާތްތަކުން ނުރުހުން މުއިއްޒު އަށް އަންނަނީ އަމާޒުވަމުންނެވެ.
މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑު ކުރައްވަމުން މިހާރު ގެންދަވާ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާއެކު ޔާމީންގެ ފަރާތުން ކެންޑިޑޭސީ ހުށަހަޅޫއްވާނެ ކަމަށެވެ. އަދި އެހިސާބަށް ދިއުމުން ކެންޑިޑޭސީއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެހިސާބުން ޖެހޭނެ 48 ގަޑިއިރު ތެރޭ ގޮތެއް ނިންމައިދޭން ސުޕްރީމް ކޯޓުން،" އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅުގެ ކެންޑިޑޭޓަކަށް އިތުރު ބޭފުޅަކު ނުހުންނަވާނެ ކަމަށް ވިދާޅުވާ، ވިދާޅުވުން ތަކުރާރު ކުރައްވަމުން އަދުރޭ ވިދާޅުވީ އެ ކޯލިޝަންގެ ތެރޭގައި އިތުރު ޕްލޭނެއް ނުގެންގުޅޭ ކަމަށެވެ. އެގޮތުން "އޭ ޓު ޒެޑަށް" ވެސް އިދިކޮޅުގެ ޕްލޭނަކީ ހަމަ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.