މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށް ރާއްޖޭގެ ހަސަން ޝާޒް ރެކޯޑް ހަދައިފިއެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން ބޯލް ބިލިއާޑް މުބާރާތަކީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރަމުން އަންނަ އިރު، އިއްޔެއަކީ މި މުބާރާތުގައި ރާއްޖެއަށް ތާރީހީ ދުވަހެކެވެ.
އެގޮތުން ރާއްޖޭގެ އެއް ވަނަ ބިލިއާޑު ކުޅުންތެރިޔާ ޝާޒް ވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށް މި ފެންވަރުގެ މުބާރާތެއްގެ މިހިސާބަށް ދަތުރު ކުރި ފުރަތަމަ ދިވެއްސަކަށް ވުމުގެ ފަޙުރު ލިބިގަނެފައެވެ.
ނޮކްއައުޓު ބުރުން ޝާޒު ޖާގަ ހޯދީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ގަދަ 32ގެ ޕްލޭ އޮފް މެޗުގައި ބަންގްލަދޭޝްގެ ނިޒާމުއްދީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނިޒާމުއްދީންގެ މައްޗަށް ޝާޒު ކުރި ހޯދާފައި ވަނީ 7-6 ގެ ފްރޭމަކުންނެވެ. މެޗު ފަށައިގެން ނިޒާމުއްދީން ލީޑު ކުރަމުން ދިޔަ ނަމަވެސް، ޝާޒު ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ހޯދައިފަ އެވެ.
ނަމަވެސް އޭގެ ފަހުން ވެސް ނިޒާމުއްދީން ވަނީ ކުރި ހޯދައި، މެޗު ނިންމާލަން ޕޮއިންޓަކަށް ކައިރިކޮށްފަ އެވެ. ނަމަވެސް ޖެހި ޖެހިގެން ހޯދި ތިން ޕޮއިންޓާއެކު ޝާޒު ވަނީ މެޗުން މޮޅުވެފަ އެވެ.
ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށް ދާ މުބާރާތުގެ ނޮކްއައުޓު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ. ހޯމަ ދުވަހު ފުރަތަމަ ކުރިއަށް ދާނީ ގަދަ 32ގެ މެޗުތަކެވެ. އެއަށްފަހު ގަދަ 16ގެ މެޗުތައް ވެސް ކުރިއަށް ދާނެ އެވެ.