ނޫސްވެރިޔާ ލިޔާ ހަބަރެއްގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ހައިކޯޓުގައި އެދެވޭނެ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް އެ ބިލު ހުށަހެޅުއްވިއިރު ބިލުގައި އޮތީ ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީ އަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އެ ބިލުގައި ބުނެފައިވާ ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް ބިލު ހުށަހެޅިއިރު ބިލުގައިވެއެވެ.
އިސްލާހުގައި އެގޮތަށް އޮތުމުން ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގައި މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި އަދި ސަރުކާރުގެ ބައެއް އިދާރާތަކުން ވެސް ވަނީ އެ ކަންބޮޑުވުންފާޅުކޮށްފައެވެ.
ޖުޑީޝަރީ ކޮމެޓީން މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ ކަންކަން މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ހައިކޯޓުން ރިއާޔަތް ކުރަން ވާޏީ ގާނޫނުގައިވާ ކަންކަމުގެ ތެރެއިން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރު ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް ހުށަހެޅި ހުށަހެޅުމާ ގުޅުންހުރި ކަންކަމަށް ކަމަށެވެ.
ކޮމެޓީން މިގޮތަށް ގެނެސްފައި ވަނީ ބިލު ދިރާސާކުރިއިރު ނޫސްވެރިންނާއި މީޑިއާތަކުން ދީފައިވާ ހިޔާލުތަކާއި މަޝްވަރާތަކަށް ބެލުމަށްފަހުއެވެ.
މަސްދަރު ހާމަކުރުމަށް އަމުރު ކުރުމަށް ރިއާޔަތްކުރަންޖެހޭ ކަންކަން:
– ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން؛
– ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމެއްކަން؛
– ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއްކަމަށް އެ ހާލަތުވާކަން؛
– ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުން އޭނާއަށް ބަރީއަވެވޭނެގޮތް ނުވެ، އޭނާގެ މައްޗަށް ނާއިންސާފު ހުކުމެއްކޮށް ނުޙައްހު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން،
– ނޫސްވެރިޔާގެ މަސްދަރު އެނގުމަކީ މައްސަލައަށް ކޮންމެހެން މުހިންމުވާ އަދި މައްސަލައާ ސީދާ ގުޅުންވާ ކަމެއްކަމަށްވާކަން؛
– ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާ އަދާކުރާތަން މެދުވެރިނުކޮށް، ނޫސްވެރިޔާގެ މަސްދަރު އެނގުމަށް ކުރެވެންހުރި އެންމެހައި މަސައްކަތެއް އެކަށީ ގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު އެނގިފައިނުވާކަން؛
– ނޫސްވެރިޔާގެ މަސްދަރާ ހަވާލާދީ ހާމަކުރި މައުލޫމާތަކޫ އޭގައި އެއްވެސް އަސާސެއް އެކުލެވިގެންނުވާ މައުލޫމާތެއްކަން އެނގެން އޮތް މައުލޫމާތަކަށް އެ މައުލޫމާތު ނުވާކަން،
– ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަގުސަދުގައި ނޫންކަން،