ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަލައްކަ ހުރަސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު އާއްމު ކޮށްފައިވާ ތަފާސް ހިސާބު ދެއްކި ގޮތުގައި މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 626،392 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 18 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 527،366 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 360،737 ފަތުރުވެރިންނެވެ.

އެހެންކަމުން މިއަހަރުގެ މި މުއްދަތު ރާއްޖެ އައިސްފައި މިވާ ފަތުރުވެރިންގެ އަދަދަކީ މީގެ ކުރީ ދެ އަހަރާއި އަޅާ ބަލާއިރު ވެސް ވަރަށް ބޮޑަށް އިތުރު އަދަދެކެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. މިދިޔަ މާޗު މަހަކީ ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ. އެގޮތުން މިދިޔަ މަހު ރާއްޖެ އަށް 173،514 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އަހަރުގެ ފުރަތަމަ މަސް ކަމަށްވާ، ޖެނުއަރީ މަހުއެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިއަހަރު ރާއްޖެ އަށް ކޮންމެ ދުވަހަކުވެސް އެވްރެޖު ގޮތެއްގައި 5،747 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖު ގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑު ކުރެއެވެ.