މާލެ ސަރަހައްދުގެ ޕަވާ ޔޫސޭޖު ނުވަތަ ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ، ކަރަންޓު ބޭނުން ކުރުމުގައި އިގްތިސޯދު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މިދިޔަ ފެބްރުއަރީ މަހާއި މާޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާ ގޮތުން، މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖް (އެވްރެޖް އެނާޖީ ކޮންސަމްޕްޝަން) ދުވަހެއް ދުވަހަކަށް މަތިވަމުން އަންނަ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1650070781890818048?s=20

އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"އެހެންކަމުން މިދުވަސްވަރު ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން،" ސްޓެލްކޯ އިން ބުންޏެވެ.

މިދުވަސްވަރަކީ ރާއްޖެ އަށް ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. އެގޮތުން މިމަހުގެ 11ވަނަ ދުވަހަކީ މިހާތަނަށް އެންމެ ގިނައިން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި އެއް ދުވަސް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އިއްޔެ ވަނީ ވިދާޅުވިއެވެ. އެގޮތުން ކަރަންޓު ބޭނުންކުރި މިންވަރު އެދުވަހު 92.5 މެގަވޮޓު މައްޗަށް އެރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުރިޔަށް ދެ ހަފްތާގައިވެސް އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.