ރާއްޖޭގެ ބައެއް ހިސާބުތަކަށް ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 40 ޑިގްރީ އަަށް އަރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކުރިތާ އެއް ދުވަސް ތެރޭގައި އިހުސާސް ކުރެވޭ ހޫނުމިނުގެ މިންވަރު 44 ޑިގްރީ އަށް އަރައިފިއެވެ.

މެޓު އޮފީހުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ލ. ކައްދޫ އަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 44.3 ޑިގްރީގައެވެ. ހުޅުލެ އަށް އިއްޔެ އިހުސާސް ކުރެވޭ ހޫނުމިން 43 ޑިގްރީއަށް އަށް އެރިއިރު ހަނިމާދޫގައި އެ މިންވަރު ހުރީ 42 ޑިގްރީގައެވެ.

https://twitter.com/MetMaldives/status/1650072061128372224?s=20

މިއީ މިދިޔަ އަހަރު އެންމެ ހޫނު ގަދަވެގެން ދިޔަ ދުވަސްތަކުގައި ނާރާހާ މައްޗަށް އިހުސާސް ކުރެވޭ ހޫނުމިން އެރި ފަހަރެވެ. މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ހޫނު ގަދަވެގެން ދިޔަ ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން ހުރީ ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން އިއްޔެ ބުނީ މި މަހު އެހާ ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވާތީ ކަމަށެވެ.

މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ މި މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން 31.6-32.6 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހޫނުމިން އިހުސާސްކުރެވޭ މިންވަރު ބައެއް ހިސާބުތަކުގައި 42.3 ޑިގްރީއަށް އަރާނެ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެން ބުއިމަށާއި ހޫނުން ރައްކާތެރިވުމަށްޓަކައި، ކުޑަ ބޭނުން ކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާ ފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.