ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން މި ކޯޕަރޭޝަނުގެ ފަރާތުން ކޮންމެ އަހަރަކުވެސް ހުޅުމާލޭގައި ބާއްވަމުން އަންނަ ވޮލީ ކޭމްޕް މިފަހަރު އޮތީ މ.މުލަކުގައި ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ބިޔޯންޑް ހުޅުމާލޭގެ ދަށުން އެ ކޯޕަރޭޝަނުން އަންނަނީ ހުޅުމާލެއިން ބޭރުގައި ތަފާތު ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތްކުރަމުން ކަމަށެވެ.
މީގެ އިތުރުން ވެސް އިޖްތިމާއީގޮތުން ކައުންސިލްތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށް ބުންޏެވެ.
އެގޮތުން މ.މުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ ކޭމްޕަށް ކިޔަނީ “ބިޔޯންޑް ހުޅުމާލެ އާބަންކޯ ވޮލީ ބޯލް ކޭމްޕް 2023"”އެވެ.
އާބަންކޯ އިން ބުނީ އެ ކޭމްޕަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެއް ކަމަށެވެ.
އެ ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގްރޭޑް 7ން 9 އަކާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ޖުމްލަ 50 އަށްވުރެ ގިނަ ކުދިން ހިމަނައިގެންނެވެ. އަދި އެ ކޭމްޕް ކުރިއަށް ގެންދެވޭނީ ފެސްޓިވަލެއްގެ ގޮތުގައި 22 އޭޕްރިލް 2023 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.
މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވާމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސަރަހައްދަށް އަމާޒުކޮށްގެން އަރބަންކޯގެ ފަރާތުން ވޮލީ ކޭމްޕް ބާއްވާފައިވާއިރު، މާލެ ސަރަހައްދުން ބޭރުގައި އެ ކޭމްޕް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
މިފަދަ ކުޅިވަރުތައް ބޭއްވުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑުއެއްބާރުލުމާއި ތަރުހީބު ލިބިގެންދެއެވެ. އަދި މި ކުޅިވަރުތަކުގެ ސަބަބުން ކުދިންގެޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ ކުޅިވަރަށް އޮންނަ ލޯބި އިތުރުވެއެވެ.