ހުޅުމާލޭގައި އަމިއްލަ ފަރާތްތަކާއި ހަވާލު ކޮށްގެން އިމާރާތް ކުރަމުން އަންނަ ބައެއް ފްލެޓުތައް އާބަންކޯގެ ބޯޑު މެންބަރުންނާއި އިސް ބައެއް މުވައްޒަފުންގެ މެދުގައި ބަހާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލި ޔުނިޓްތަކަކީ ހުޅުމާލޭގައި ބޯހިޔާ ވަހިކަމުގެ މަޝްރޫއު ހިންގުމަށް، އެކުންފުނިތަކަށް ދިން ބިމުގެ ބަދަލުގައި، އެއްބަސްވުމުގެ ދަށުން ލިބިފައިވާ ފްލެޓްތައް ކަމަށެވެ.

އަދި 4 މަޝްރޫއަކުން ލިބިފައިވާ ފްލެޓްތައް މިދިޔަ އަހަރު ހިންގި ސްޓާފް ހައުސިން މަޝްރޫއުގެ ތެރެއިން އެންޑް ޔޫޒަރ ފައިނޭންސިންގް މޮޑެލްގެ ދަށުން ވިއްކުމަށް ހުޅުވާލި ކަމަށް އާބަންކޯ އިން ބުނެއެވެ.

ނަމަވެސް ހުރިހާ ފްލެޓެއް ނުވިކޭ ކަމަށާއި އަދި އެ ސްކީމަށް އަހަރެއްވީއިރު ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން ތިބިކަމަށް އާބަންކޯގެ ބަޔާނުގައިވެއެވެ.

އެގޮތުން ބައެއް މުވައްޒަފުން ޔުނިޓުތައް ދޫކޮށްލާފައިވާތީ އާއި، ބައެއް މުވައްޒަފުންގެ ޝަރުތުހަމަ ނުވާތީ 34 ޔުނިޓެއް ވަނީ ބާކީވެފައިވާ ކަމަށް އާބަންކޯ އިން ބުނިއެވެ. އެ 34 ޔުނިޓު ގަތުމަށް 800 އަށް ވުރެއް ގިނަ މުވައްޒަފުން ޝަރުތުހަމަވާ ކަމަށްވެސް އާބަންކޯ އިން މައުލޫމާތުދެއެވެ.

މި ޔުނިޓްތައް ވިއްކަނީ، މުވައްޒަފުންނަށް އައު ފުރުސަތެއް ދިނުމަށާއި، އެކޯޕަރޭޝަންގެ މަޝްރޫއުތަކަށާއި، ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ ކަމަށް، އާބަންކޯއިން ވަނީ ބުނެފައެވެ.

އަދި ޔުނިޓްތައް ވިއްކަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، މިކަން ކުރާނީ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށް ކަމަށް އާބަންކޯއިން ފާހަގަ ކުރެއެވެ. މިއާއެކު ދެން އެއްވެސް ޔުނިޓެއް ބާކީވެއްޖެ ނަމަ، އާންމުންނަށް ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިމައްސަލާގައި ކުންފުނީގެ އިސްވެރިންގެ ނަން ހިމަނައި ފްލެޓްތަކުގެ އަގާއި އެކީ އާންމުކޮށްފައިވާ ލިސްޓަކީ ސައްހަ ނޫން ލިސްޓެއް ކަމަށާއި އަދި އެކުންފުނީގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ ހާމަކަން ބޮޑު އުސޫލަކުން ކަމަށާއި ކަމާއިބެހޭ ހުރިހާ މުވައްސަސާއަކުން މިކަން ގާތުން ބެލުމަށް އެއްބާރުލުން ދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ.