ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ އަމާންކަމާއި ހަމަޖެހުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީ ދުވަހާއި ގުޅިގެން މިނިސްޓަރު މާރިޔާ ދެއްވި ހިތާބުގައި ވިދާޅުވީ 2008ވަނަ އަހަރު މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ތައާރަފްކޮށް، ޑިމޮކްރެސީގެ މަގަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރިފަހުން، ފާއިތުވެދިޔަ 4 އަހަރާ 5 މަހަށްވުރެ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކިފައި ނުވާނެކަމީ ދެބަސް ނުވެވޭނެ ހަގީގަތެއް ކަމަށެވެ.

”ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްގީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް،” މާރިޔާ ވިދާޅުވިއެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުމާއި، އަސްކަރިއްޔާއިން ހިންގާ އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން މިއަދު ދާކަމީ ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން ސަރުކާރުން ގެންނަމުންދާ ބަދަލުތައް ކަމަށް މާރިޔާ ވިދާޅުވިއެވެ.
“ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިފައިންނާ ދިމާވާ ކޮންމެ ފަހަރެއްގައިވެސް، ގައުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރާއި، ދިވެހި ރައްޔިތުންގެ އިހުތިރާމާއި، ލޯތްބާއި ގަދަރު ލިބޭނޭހެން ސިފައިންގެ އަމަލުތައް ބެހެއްޓުމަށާއި، ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ދެމެހެއްޓުމަށް އަބަދުވެސް ނަސޭހަތްތެރިވެ ބާރު އަޅުއްވާ،” މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އެކަމަނާގެ ހިތާބުގައި ވަނީ އަސްކަރިއްޔާގެ ޒާތީ ޝަހުސަށް ކިލަނބުކަމެއް އަޔަނުދީ، ސަފުތަކުގެ ބަދަހިކަން ދަމަހައްޓާ، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތަމްރީނުވެ، ތައްޔާރަށް ތިބި ބަޔަކަށް ދިވެހި ސިފައިންވުމަށް އިލްތިމާސް ކުރައްވާފައެވެ.