ރޯދައިގެ އަޅުކަމުން ހާސިލުވި އެންމެ ބޮޑު އުފަލަކީ ހިތްތައް ތާހިރުވެ އަލުން ތާޒާވުން ކަމަށާއި އެހެންކަމުން، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނަން އަޒުމް ކަނޑައެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ކުރިއަށް މިއޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.

”އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ޙަސަދައާއި ނަފްރަތަށް އަޅުގަނޑުމެންގެ ހިތްތަކުން ޖާގަ ނުދިނުމެވެ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިތްތަކަށް އާރޯކަމާއި ތާޒާކަން ހޯދައިދޭންވީ، އަނެކުންނާ މެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމުން ކަމަށެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި އެ މައްސަރާ ވިދިގެން އަންނަ ފިތުރު އީދަކީ، މާތް ރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި، ގުނައި އަދަދު ނުކުރެވޭހާ ގިނަގުނަ ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ މޫސުމެއްވެސް މެއެވެ.،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި މުޖްތަމައު އަށް ބަލާއިރު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތަކީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ކަމަށެވެ.

”އެހެންކަމުން، މި އުފާވެރި ފިތުރު އީދުހރ އުފާ ފާހަގަކުރުމާ ކުރިމަތިލާއިރުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމަށެވެ. އެކަމަށް ޝުކުރުވެރިވުމަކީ، އެ މަތިވެރި ނިއުމަތް ދެއްވިކަމުގެ މައްޗަށް ހިތުގެ އަޑިން ރުހި، އެ ނިއުމަޔް އެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ކޮންމެ މީހަކުމެ ގަދައަޅައި މަސައްކަތް ކުރުމެވެ،” ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.