މި ސަރުކާރުން ގދ. ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް އެބަދެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ 17.86 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާޑްހައުސް، ވެއާހައުސް، އަދި ވާކްޝޮޕް އިމާރާތްއެޅުމާއި، ނަރުދަމާ ނެޓްވޯކެއް ޤާއިމްކުރުމުގެ އިތުރުން ފެންޑަރާއި، ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

“ތިނަދޫގައި ގާއިމްކުރާ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ޕޯޓުގެ މަސައްކަތް ތިނަދޫ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުން ފައްޓާވާފައިވާ ކަމަކީ އަޅުގަނޑުމެން އުފާކުރާކަމެއް،" ހަތާވީސްއާ ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވިއެވެ. ކައުންސިލުގެ ރައީސް ސިފަކުރި ގޮތުގައި އެ ޕޯޓަކީ މުޅި ހުވަދޫ އަތޮޅުގެ ވިޔަފާރި ކުރިއަރުވާ އަދި އަތޮޅުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ޕޯޓެެކެވެ.

[caption id="attachment_50374" align="aligncenter" width="1080"] ތިނަދޫ ކައުންސިލުން އެމްޓީސީސީއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ތިނަދޫ ކައުންސިލް[/caption]

"މިހާރު ޕޯޓުގެ ގިނަ މަސައްކަތްތައް ތަފާތު އެކި މަރުހަލާތަކުގައި ކުރިއަށް ގެންދެވޭއިރު ބަޖެޓްތަކެއްވެސް އިތުރަށް ހިމަނައިގެން ގިނަ ގުނަ މަސައްކަތްތަކެއް ކައުންސިލުން އެދޭ ގޮތަށް އެ ބަދަލުތައް މިހާރު ސަރުކާރުން ވަނީ ގެނެސްދީފައި،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޯޓުގެ މަސައްކަތް ކުރިއަށްދާއިރު ރާއްޖޭގެ އެކި ދިމާލުން ތިނަދޫގައި ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ބައެއް ވިޔަފާރިތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު މި ވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ބިން ނެތުން ކަމަށެވެ.

[caption id="attachment_50373" align="aligncenter" width="1079"] ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ/ ފޮޓޯ: ތިނަދޫ ކައުންސިލް[/caption]

"ބިން ދެވޭނެ ގޮތް މަދީ. ސަރުކާރާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންނަށް ތިނަދޫގައި ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމްކުރުމަށްޓަކައި ކައުންސިލުން މަސައްކަތްކުރަނީ،" ސައުދު ވިދާޅުވިއެވެ.

ކައުންސިލުން އަމާޒަކީ ވިޔަފާރި ކުރަން ބޭނުންވާ ހުރިހާ ފަރާތްތްކަށް ފުޅާ މިނެއްގައި ޖާގަ ތަނަވަސް ތަނެއްގެ ރަށެއްގެ ގޮތުގައި ތިނަދޫ ހެދުމެވެ. އެއާއެކު އެ ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މި ކަންތައްތަކުން ހާމަވެގެން ދަނީ ތިނަދޫއާ މެދު މި ސަރުކާރުން ގެންގުޅޭ ތަސައްވަރުގެ ފުރިހަމަކަން ކަމަށެވެ.

[caption id="attachment_50372" align="aligncenter" width="800"] ރައީސް ސޯލިހު ތިނަދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި، އަރިހުގައި ދާއިރާގެ މެމްބަރުންނާއި ކައުންސިލްގެ ރައީސް[/caption]

ތިނަދޫ ސިޓީ އަކަށް ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ސަރުކާރުން ގާއިމް ކުރައްވާނެ ކަމަށް ޖެނުއަރީ މަހު ފަހުކޮޅު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އާއި ހިއްކި ސަރަހައްދުން ގޯތި ދޫކުރުމަށް ވެސް ނިންމާފައި ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސައުދު ވިދާޅުވީ ރައީސް ތިނަދޫއަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި އަދި އެ ރަށާ މެދު ގެންގުޅުއްްވާ ތަސައްވަރަކީ ކައުންސިލުގެ އިތުރުން ރައްޔިތުން ބަލައިގަންނަ ކަމެއް ކަމަށެވެ. އެހެންވެ ރައީސް ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މި ސަރުކާރަކީ ވަކި އާބާދީއެއް ބޮޑުކުޑަ މިނެއް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ރަށަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ބަރާބަރަށް ފޯރުކޮށްދޭ ސަރުކާރެއްގެ ގޮތުގައި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.