އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތެރޭގައި ރިޔާސީ ޓިކެޓުގެ ވާހަކަ ދެއްކުމުގެ ހާލަތެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ކަންކަން ހިނގަމުން ދާނީ ޑިމޮކްރަޓިކް އުސޫލުން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީނަށް ރިޔާސީ ޓިކެޓު އެ ކޯލިޝަނުން އަރުވާފައި ވާނީ ވެސް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެއް އިންތިހާބެއްގައި ދެ ކެންޑިޑޭޓުން އެއް ކޯލިޝަނަކުން ނުވަތަ އެއްޕާޓީއަކުން އެއީ އަޅުގަނޑަކަށް ހިއެއް ނުވޭ ޑިމޮކްރަޓިކް ހަމައަކަށް ވާނެހެނެއް. އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ، އެކަން އަޅުގަނޑުމެން ކުރީ ދެޕާޓީގެ ސެނެޓުން އިއްތިފާގުން ފާސްކޮށްގެން. ފާސްކޮށްގެން ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވާނެހެން، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުން ޝާމިލުވާހެން އޮތް ބައްދަލުވުމެއްގައި އެމަނިކުފާނަށް އެ ޓިކެޓު އެރުވީ،" ކުރީގެ ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުއްވި ގޮތް ކިޔައިދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަކީ މިވަގުތު ސިޔާސީ ޕާޓީތަކުގެ ބެލެނެވެރި ފަރާތް ކަމަށާއި ރައީސް ޔާމީނުގެ ކެންޑިޑެސީ ބަލައިގަތުމަށް ހުރަހެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވަމުން އަންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެހެންކަމަށްވަންޏާ އަޅުގަނޑުމެން އިތުރު ކެންޑިޑޭޓަކާއި މެދު ވިސްނަން ޖެހޭ ހާލަތެއް ނެތް. އެއީ ނޫންތޯ ޑިމޮކްރަސީގެ ހަމަތަކަކީ. އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިވަގުތު ޕީޕިއެމް ޕީއެންސީގެ ތެރޭގައި އެއްވެސް ބޭފުޅަކު ރިޔާސީ ޓިކެޓުގެ ވާހަކަ ދެއްކުމުގެ ހާލަތެއް އޮތް ކަމަކަށް،" އަދުރޭ ވިދާޅުވިއެވެ.

ޑިމޮކްރަޓިކް އުސޫލުގެ މަތިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޓިކެޓު ހަވާލު ކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް އޮއްވާ އަދި އެ ކެންޑިޑޭޓަށް އިންތިހާބުގައި ވާދަ ކުރެވޭނެ ހާލަތެއް އޮއްވާ ނުވަތަ ވާދަކުރެވޭނެ ކަމުގެ ފުރުސަތު އޮއްވާ އެހެން ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުން ނުވަތަ ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކުން އެއީ ޑިމޮކްރަޓިކް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. "ހަތާވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ޓިކެޓަށް އެންމެ ބޮޑަށް ފާރަލަމުން ގެންދަވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި މުއިއްޒު އަށް ޕީޕީއެމްގެ ބައެއް ކައުންސިލް މެންބަރުން ކެމްޕެއިން ކުރައްވާ ކަމަށްވެއެވެ. އެކަމާއި ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް ފަރާތްތަކުން ނުރުހުން މުއިއްޒު އަށް އަންނަނީ އަމާޒުވަމުންނެވެ.