ތިލަފުށީގައި ހަދަން ނިންމާފައިވާ ބަލްކް ޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއުގެ އަމާޒަކީ ބޮޑެތި ބަލްކް މުދާ އުފުލާ އުޅަނދުފަހަރާއި ކޮންޓެއިނަރު ކާގޯ އުފުލާ އުޅަނދުފަހަރު ދުއްވޭނެ ޒަމާނީ، ހަރުދަނާ އަދި ދެމެހެއްޓެނިވި ބަނދަރެއް ގާއިމުކުރުން ކަމަށެވެ. އަލަށް އިމާރާތްކުރާ ބަނދަރުގެ މަސައްކަތް ނިމުމުން، މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ކުރިއަށްގެންދާ ހުރިހާ ކާގޯ އޮޕަރޭޝަންތަކަށް ވަގުތީ ގޮތުން ހިދުމަތް ދެވޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެކުންފުނިން ބުނި ގޮތުގައި އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 26 އާ ހަމައަށް އޮންނާނެއެވެ.
މި ޕޯޓްގެ 7 ހެކްޓަރުގެ ސަރަޙައްދެއް ހާއްސަ ކުރާނީ ޓާމިނަލުގެ އޮޕަރޭޝަންތަކަށް ކަމަށް އެމްޕީއެލް އިން މައުލޫމާތުދެއެވެ. އަދި 1.4 ހެކްޓަރުގެ ސަރަޙައްދަކީ މުދާތައް ރައްކާކުރުމަށް ހަދާ ގުދަންތަކަށް ހާއްސަ ޖާގަތަކެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެ ކުންފުނީގެ އަމާޒަކީ މި ޓާމިނަލުގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި މިތަން ބޭނުން ކުރަން ފެށުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.