ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަނުން މިރޭ ބުނީ އެ ޕްރޮޖެކްޓްގެ މިހާ ހިސާބަށް އައިއިރު އެތަނުގައި ތަރައްގީ ކުރާ 3 ބްލޮކްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމާ، ރޭނުމުގެ މަސައްކަތްތައް ފަށައިގެން ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.
އަދި، އެ ސެންޓަރު ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

[caption id="attachment_50330" align="alignnone" width="1024"] ރ. އަލިފުށީގައި އިމާރާތް ކުރާ ޓިވެޓް ސެންޓަރު: ފޮޓޯ / ހަޔާ އެޑިއުކޭޝަން މިނިސްޓްރީ[/caption]
މީގެ އިތުރުން ވޯލްޑް-ބޭންކްގެ އެހީގައި ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ރ.އަލިފުށީ ޓިވެޓް ސެންޓަރުގައި ބޯޓް ބިލްޑިންގ ދާއިރާއިން ޚާއްސަ ކޯސްތަކާއި އެހެނިހެން ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގުމަށް މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

[caption id="attachment_50332" align="alignnone" width="1024"] ރ. އަލިފުށީގައި އިމާރާތް ކުރާ ޓިވެޓް ސެންޓަރު: ފޮޓޯ / ހަޔާ އެޑިއުކޭޝަން މިނިސްޓްރީ[/caption]
އަލިފުށީގައި ތަރައްގީ ކުރެވޭ ޓިވެޓް ސެންޓަރު ބޯޓް ބިލްޑިންގ އަށް ޚާއްސަ ކުރެވުނީ އަލިފުއްޓަކީ ބޯޓް ބަނުމުގެ މުއްސަނދި ސަޤާފަތަކާއި ތާރީޚެއް އޮތް ތަނަކަށްވާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
"މި ޓިވެޓް ސެންޓަރު ދަނާލަކާއެކު ތަރައްޤީ ކުރުމުގެ ސަބަބުން، މަސައްކަތުގެ ތަޢުލީމާއި ހުނަރު އަލިފުށިން ލިބިގަންނަން ބޭނުންވާ ޒުވާނުންނަށް އަލިފުށީގައި ތިބެގެން ރައްކާތެރި މާޙައުލެއްގައި އެ ހުނަރު ދަސްކޮށް ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ. މީގެ އިތުރުންވެސް ރަށުގައި ތިބޭ ޒުވާނުންނަށް މަސައްކަތުގެ ތަޢުލީމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތު ވަރަށް ގާތުން، އެހާމެ ފަސޭހަކަމާއެކު އަތްފޯރާފަށުން ލިބިގެންދާނެ" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

[caption id="attachment_50331" align="alignnone" width="1024"] ރ. އަލިފުށީގައި އިމާރާތް ކުރާ ޓިވެޓް ސެންޓަރު: ފޮޓޯ / ހަޔާ އެޑިއުކޭޝަން މިނިސްޓްރީ[/caption]
އެ އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަނާ ގުޅޭ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ.
އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ތަނުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްހިމެނޭހެން ރެކްރިއޭޝަން ބޮލޮކެއްވެސް ހުންނާނެއެވެ.
މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ.
އަތޮޅު ތެރޭގައި މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި މަސައްކަތުގެ ތަޢުލީމާއި ތަމްރީން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށްތަފާތު އެތަށް ޕްރޮޖެކްޓެއް ޕްލޭން ކުރެވިފައި ވާއިރު، މީގެ ތެރެއިން 4 ޕްރޮޖެކްޓެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިގެން މިހާރުއެބަ ކުރިއަށްދެއެވެ.
އަލިފުށީގައި އެޅޭ ޓިވެޓް ސެންޓަރަކީ އަތޮޅު ތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މުޙިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.