ކޮވިޑް19 އަށް ޕޮޒިޓިވްވެގެން އަހަރު ނުވާ ހަ ކުއްޖަކު އެޑްމިޓުކޮށްފިއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ ބައެއް ކުދިން އެޑްމިޓު ކޮށްފައި ވަނީ ކޮވިޑު ހުމާއެކު ފިޓު ޖެހިގެން ކަމަށެވެ.

އެހެންކަމުން ޑރ. ފައިސަލް ވަނީ އަހަރުނުވާ ކުދިން ގޭގައި ތިބި ނަމަ، އެކުދިންގެ ރައްކަލަކަށް، ގޭގައި ތިބޭ އެހެން މީހުން ވެސް ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

މިދިޔަ ހޯމަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

https://twitter.com/Faisalnaifaru/status/1648714881066221568?s=20

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 9ވަނަ ދުވަހުން ފެށިގެން 15ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެ އިން 148 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެތެރެއިން 100 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. ރަށްރަށުން 11 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއީ ރާއްޖޭގައި ކޮވިޑު ކޮންޓްރޯލްވި ފަހުން މިއަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެން އެންމެ ގިނައިން ޕޮޒިޓިވްބީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

އެޗްޕީއޭގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 28 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.