ފިތުރު އީދު ދުވަސް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.
އާބަންކޯ އިން ބުނީ އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެބްޑުގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގައި ކަމަށެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އޭގެ ތެރޭގައި:
ކުލަ ޖެހުން
ކްރޮސްނެޓް ވޮލީބޯޅަ
ކުޑަކުދިންގެ ކައިޓް ސެޝަން
ރޮބޯމޭންގެ ހަރަކާތްތައް
ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތައް
ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައް
ބިދަބިން ބޮޑުބެރު ގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30ން ފެށިގެން އިރުއޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ. އަދި އެ ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ހާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. އެ ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150 ރުފިޔާ ދައްކަން ޖެހޭނެއެވެ. އޭގެތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނިގެންދާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެއެވެ.