ބްރޯޑްކާސްޓިން ކޮމިޝަނުން ދެ މެމްބަރެއްގެ މަގާމު ހުސްވެ، އެ މަގާމަށް މެމްބަރުން އައްޔަން ނުކުރެވި ދިގުލައިފިއެވެ.

ބްރޯޑްކޮމްއިން ދެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސަކަަށް ހުންނެވި އަހުމަދު ގައިސް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނާއި އެ ކޮމިޝަންގެ މެމްބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވެ، މަގާމު ހުސްވުމުންނެވެ. ގައިސްގެ މަގާމު ހުސްވުމުން އެ މަގާމަށް އައްޔަން ނުކުރެވި ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ. އަމްޖަދުގެ މަގާމު ހުސްވުމުން، އެ މަގާމަށް މީހަކު އައްޔަން ނުކުރެވި މަހެއްހާ ދުވަސް ވަނީވެފައެވެ.

ކޮމިޝަނުން ހުސްވި ދެ މެމްބަރުންގެ މަގާމަށް މީހުން އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް ވަނީ ނަންތަކެއް ހުށަހަޅާފައެވެ. އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ނަންތައް:

ގާނޫނީ ވަކީލު މުހައްމަދު ވަހީދު
ސަފާ ޝަފީގު

އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ކޮމެޓީ ރިޕޯޓް ހުށަހަޅާފައި ވަނީ ވަކިވަކިންނެވެ. އޭގެ ތެރެއިން އެއް ރިޕޯޓު ވަނީ ވޯޓަަށް އަހާ ހިސާބަށް ގޮސްފައެވެ. ނަމަވެސް އަނެއް ރިޕޯޓް ވަނީ ރިޔާސަތުން ހުއްޓުވާފައެވެ. ރިޔާސަތުން އެ ރިޕޯޓް އެޖެންޑާނުކޮށް، ހުއްޓުވީ އޮންލައިންކޮށް މެމްބަރަކު ކޮމެޓީގައި ބައިވެރިވެ ވޯޓު ދެއްވުމުންނެވެ. ރިޔާސަތުން އެކަމުގައި ވިދާޅުވެފައިވަނީ ކޮވިޑު19ގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށާއި އޮންލައިންކޮށް ކޮމެޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.

އެޖެންޑާނުކޮށް ހިފަހައްޓާފައިވާ ނަންތައް:

އާމިނަތު ނުޒުހާ
ހުސައިން އަމްރު
މަރިޔަމް ނަރީމާން ޝަރީފް

ބްރޯޑްކާސްޓިން ކޮމިޝަންއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެވެ. އެ ކޮމިޝަންގައި މިހާރު ފަސް މެމްބަރުން އެބަ ތިއްބެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ބްރޯޑްކާސްޓަރުން މޮނީޓަރކޮށް ޒިންމާދާރުގޮތުގައި އެ މަސައްކަތް ކުރިއެރުވުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަންގެ މަގުސަދުތަކުގެ ތެރޭގައި ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅުން ހިމެނެއެވެ.