މިއަހަރުގެ ފިތުރު އީދު ނަމާދު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން މިއަދު ބުނީ އީދު ނަމާދުގެ ބޮޑު ދެ ޖަމާއަތް ހެދުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހީގައި ވަކިން ކަމަށެވެ. އެގޮތުން ފޭސް އެކެއްގައި ބޮޑު ޖަމާއަތް ހެދުމަށް ކަނޑައަޅާފައި ވަނީ ސިންތެޓިކް ޓްރެކް ސަރަހައްދެވެ. އެ ސަރަހައްދަށް އާންމުންނަށް ފަސޭހަ އިން ވަދެ ނިކުމެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޖަމާއަތަށް އަންހެނުންނާއި ފިރިހެނުން ވަކިން ވަނުމަށް ދެ އެންޓްރޭންސް ކަނޑައަޅާފައި ވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަދި މީގެ އިތުރަށް އެ ގަޑީގައި އެ ސަރަހައްދުގެ ބައިބޯވުން އިތުރުވެ ޓްރެފިކްގައި ދިމާވެދާނެ ދަތިތައް ހައްލުކުރުމަށްޓަކައި ސައިކަލު ޕާކުކުރުމަށް ސެންޓްރަލް ޕާކު ސަރަހައްދު ކަނޑައަޅާފައިވާ ކަމަށް އާބަންކޯ އިން މައުލޫމާތުދެއެވެ.
ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާއަތް ހެދުމަށް ކަނޑައަޅާފައި ވަނީ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޖަމާއަތަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ފޭސް 1 އަދި 2 ގައި ވެސް އާންމުންނަށް ވުލޫކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެއެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ވަނީ މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް ހާމަކޮށްފައެވެ.
ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަން:
– މާލެ/މާފަންނު ސްޓޭޑިއަމްގައި
– މާލެ/އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު
– މާލެ/މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު
– ހުޅުމާލެ ފޭސް 1/ހުޅުމާލެ ސިންތެޓިކް ޓްރެކް
– ހުޅުމާލެ ފޭސް 2/ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)
– ވިލިމާލެ/ފުޓްބޯޅަ ދަނޑު
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދުކުރާނެއެވެ.