ކޮވިޑް19ގެ ބަލިމަޑުކަމަށްފަހު ވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ބައެއް މެމްބަރުން އޮންލައިންކޮށް ބައިވެރިވަމުންދާތީ، ރިޔާސަތުން އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އާލަމީވަބާ، ކޮވިޑް19އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް 2020 އިން 2021 އަށް އޮންލައިންކޮށް ބޭއްވިއެވެ. ނަމަވެސް އާންމު ހާލަތަށް ރުޖޫއަވުމާ ގުޅިގެން، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ބައެއް ކޮމެޓީތަކުގައި މެމްބަރުން ގެންދެވީ އޮންލައިންކޮށް ބައިވެރިވެވަޑައިގެން، ކޮމެޓީތަކުގައި ނަންގަވާ ވޯޓުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކޮމެޓީތަކުގައި އޮންލައިންކޮށް މެމްބަރުން ބައިވެރިވި މައްސަލަ ފެންމަތިވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފު މިނިވަން މުއަސަސާތަކުގެ ކޮމެޓީގައި އޮންލައިންކޮށް ބައިވެރިވެ، ވޯޓު ދެއްވައިގެން ފާސްކުރި ކޮމެޓީ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް، އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލުމުންނެވެ. އެ ރިޕޯޓް އަނބުރާ ކޮމެޓީއަށް ފޮނުވާލެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ކޮމެޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި، އޮންލައިންކޮށް މެމްބަރުންނަށް ބައިވެރިނުވެވޭނެ ކަމަށް މަޖިލީހުގެ ތަޅުމުން ނިންމައިފިނަމަ، އަލުން އެ ރިޕޯޓާމެދު ކޮމެޓީން ގޮތެއް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ދެނީ އެއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ނިންމަވައި ދެއްވުމަށް ތަޅުމަށް ފޮނުއްވައި ދެއްވުމަށް. ތަޅުމުން އެއީ މައްސަލައެއްކަމުގައި ދެކޭ ކަމުގައި ވަންޏާ އެކަމަށް އަޅުގަނޑުމެން ކޮމެޓީގެ ފަރާތުން ރިޔާއަތްކޮށް ނިންމުމެއް ނިންމާނަން،" ރޮޒައިނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އޮންލައިންކޮށް ކޮމެޓީތަކުގައި ބައިވެރިވެވޭ ގޮތް ހެދީ ކޮވިޑުގެ ހާއްސަ ހާލަތުގައި ކަމަށެވެ. މިހާރު އެ ހާލަތެއް ނެތް ކަމަށާއި އެހެން ކަމުން ކުރިން ވެސް ކޮމެޓީތައް ހިނގަމުން އައި ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އީވާގެ ވާހަކަފުޅުގައި މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ 20،000 ރުފިޔާގެ ކޮމެޓީ އެލަވަންސްގެ ވާހަކަ ވެސް ވިދާޅުވިއެވެ. އޮންލައިންކޮށް މެމްބަރުން ބައިވެރިވަނީ ކޮމެޓީ އެލަވަންސް ހޯއްދަވަން ކަމަށް ދޭހަވާ މޭރުކަމުން އީވާ ވާހަކަފުޅު ދެއްކެވިއެވެ.

"އެހެންވީމަ ކޮމެޓީއަށް ވަޑައިގެން، ހާޒިރުވެވަޑައިގެން މަސައްކަތް ކުރެއްވީމަ ލިބިވަޑައިގަންނަވާ އިތުރު އެލަވަންސެއް އެއީ. އެ ވަޑައިނުގެންނެވޭ ކަމަށްވަންޏާ އެއީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ކަމަކަށް ބަލައިނުގަނޭ،" އީވާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވީ އޮންލައިންކޮށް ބައިވެރިވީ ކޮމެޓީ އެލަވަންސް ހޯދަން ނޫން ކަމަށާއި ކޮމެޓީ އެލަވަންސް ދޭނީ މާލިއްޔަތު ކޮމެޓީން ކަނޑައަޅާ އުސޫލަކުން ކަމަށެވެ. އޮންލައިންކޮށް މެމްބަރުން ބައިވެރިވަނީ މިނިވަން މުއައްސަސާތަކަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއުކޮށް، އެ ބޭފުޅުންނަށް ވޯޓު ދެއްވުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޮންލައިންކޮށް މެމްބަރަކު ބައިވެރިވީ މައްސަލައާ ގުޅިގެން، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މެމްބަރަކު އައްޔަން ނުކުރެވި ވަނީ ދިގުލައިފައެވެ. ބްރޯޑްކޮމްއަށް ދެ މެމްބަރަކު އައްޔަން ނުކުރެވި ވަނީ ގިނަ ދުވަސްތަކެއްވެފައެވެ.