އެމްއެންޑީއެފް ކޯސްޓްގާޑު "ޝިޕް ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ކޯސްޓުގާޑަށް އާ އުޅަނދެއް ދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ގާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް "ޝިޕް ހުރަވީ" އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ހަދިޔާކޮށްފައިވާ އުޅަނދެއް ކަމަށެވެ. އެދުވަހުން ފެށިގެން އެ އުޅަނދު ކޮންމެ 2 އަހަރަކުން ރީފިޓްކޮށް މަރާމާތު ކޮށްދެމުން އަންނަނީ އިންޑިއާގެ ހިލޭ އެހީގައެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް 6 ފަހަރެއްގެ މަތިން އެ އުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތު ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރު އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާ ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

[caption id="attachment_27402" align="alignnone" width="1078"] އެމްއެންޑީއެފް ކޯސްޓުގާޑު ހުރަވީ ---[/caption]

ކޯސްޓްގާޑް "ޝިޕް ހުރަވީ" އަށް ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެކަމަށް އެހީތެރިވުމުގެގޮތުން އިންޑިޔާ ސަރުކާރުން މިހާރު ވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކޮށްފައެވެ.

އެގޮތުން ހަދިޔާކުރި އުޅަނދު އިއްޔެ މާލެ އަށް ވަނީ އައިސްފައެވެ. އަދި އެ އުޅަނދު ރަސްމީކޮށް އެމްއެންޑީއެފާ ޙަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން އަންނަ މެއި މަހުގެ ތެރޭގައި އެ އުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އަދި އެ އުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިނގަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ދެ ހަފުތާގެ މުއްދަތަށް ރޭވިފައިވާ އެ ތަމްރީން ޕްރޮގްރާމް ނިމި ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުން އެ އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއަން ނޭވީގެ ކުރޫ އަނބުރާ އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ،

އެމްއެންޑީއެފް އިން ބުނި ގޮތުގައި މިފަހަރު އިންޑިއާ އިން ހަދިޔާ ކޮށްފައިވާ އުޅަނދަކީ ކޯސްޓުގާޑު "ޝިޕް ހުރަވީ" އަށްވުރެ ބޮޑު، އޮޕަރޭޝަނަލް ގާބިލްކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ، ކަން ފާހަގަކުރަމެވެ. އާ އުޅަނދާއެކު ކޯސްޓްގާޑު "ޝިޕް ހުރަވީ" ޑީކަމިޝަން ކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.