ގައުމެއްގައި ދިރިއުޅޭ މީހުންގެ ނިސްބަތުން މުޅި ދުނިޔޭގައި ވެސް ފުޓުބޯޅަ ދަނޑު އެންމެ ގިނަ އެއްގައުމަށް ހަމަގައިމުވެސް ދިވެހިރާއްޖެ ވާނެއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ބޮޑު ފުޓުބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑެއް އެދަނީ އަޅަމުންނެވެ. ބައެއް ރަށްރަށުގައި ދެ ދަނޑު، ތިންދަނޑުވެސް މިހާރު އެބައޮތެވެ.

އާބާދީއަކަށް ބެލުމެއް ނެތިއެވެ. އޭގައި ގިނައީވެސް ފީފާ ސްޓޭންޑާޑަށް ފެތޭ ފެންވަރު ރަނގަޅު ދަނޑުތަކެވެ.

ރާއްޖޭގައި މިހާ ބައިވަރު ފުޓުބޯޅަ ދަނޑުތައް ހުރުން ވެގެން ދިޔައީ ދުނިޔެ ހައިރާންކޮށްލި ކަމަކަށެވެ. ހާއްސަކޮށް މިކަން ވެގެން ދިޔައީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވެސް "ކޮސްކޮށްލި" ކަމަކަށެވެ.

"އިންފަންޓީނޯއާ ދިމާވެގެން ފުޓްބޯޅަ ދަނޑު އަޅާވާހަކަ ބުނީމަ ހުރީ ކޮސްވެފަ. އެހެންނު ވާނީ ކުޑަކުޑަ ގައުމެއްގައި 300 މީހުންނަށް ވެސް އެބަ އަޅާދެން ދަނޑު. އުސޫލެއްގެ ގޮތުން. ސަރުކާރުގެ ތެރެއިން ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ލިބޭ." ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިފަހުން މަޖިލީހުގައި ވިދާޅުވިއެވެ.

މިނިސްޓަރު އެ ވިދާޅުވި ވާހަކައިގައި އެއްވެސް މައްސަލައެއް ނެތެވެ. ސަރުކާރުގެ ބޮޑު ވައުދެއްވެސްމެއެވެ. އެކަމަކު ސުވާލަކީ ދަނޑުތައް އަޅައިގެން އިންފަންޓީނޯ ކޮސްކޮށްލި އިރު، ދިވެހި ފުޓުބޯޅަ މިވަގުތު އޮތް ނާޒުކު ހާލަތު އެބޭފުޅާއާ ހިއްސާކުރެވުނުތޯއެވެ. ދިވެހި ފުޓުބޯޅަ އޮތް ހާލަތު މިނިސްޓަރު ރަނގަޅަށް ހިއްސާ ކުރެއްވި ނަމަ އެޔަށްތުރެން ބޮޑަށް އިންފަންޓީނޯ ކޮސްވުންވެސް އެކަށީގެންވެއެވެ.

މިނިސްޓަރު ކުރިން ވިދާޅުވަމުން ގެންދެވި ވާހަކައަކީ ރަށްރަށުގައި ދަނޑުތައް އަޅާ އެންމެ ބޮޑު އެއް ސަބަބަކީ ކޮންމެ ރަށަކަށް ދިޔަސް ޒުވާނުން އެންމެ ގިނައިން ދައްކާ ވާހަކައަކީ އެއީ ކަމުގައި ވާތީ ކަމަށެވެ. އަނެއް ސަބަބަކީ އޭގެ ސަބަބުން ރާއްޖޭގެ ގައުމީ ލީގު ފުޅާކޮށް އަތޮޅުތެރޭގައި ވެސް ލީގު ކުޅެވޭނެ ހޯމް-އަވޭ ލީގު ފޯމެޓެއް އުފެއްދުން ކަމަށެވެ.

ނަމަވެސް މިފަހުން އަޑުއިވިގެންދިޔައީ އެއީ ރާއްޖޭގައި އަދި ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށެވެ. ހޯމް-އަވޭ ލީގު ފޯމެޓަކީ ބޮޑު ޙަރަދެއްދާނެ ކަމެއް ކަމަށާއި، ހަމައެކަނި ފުޓުބޯޅައަށް އެވަރުގެ ބޮޑު ޙަރަދެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"ލާރި ނެތިއްޔާ ކިހިނެއް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅޭނީ ރާއްޖޭގައި. ކިހިނެއް އަޅުގަނޑުމެން އެކަން ކުރަނީ. އެއީކީ އެއް އަޅުގަނޑުމެން މިނިސްޓްރީގައި މި ހުރި ބަޖެޓުން ކުރެވޭނެ ކަމެއް ނޫން، ފުޓްބޯޅަ އަށް އެ ހުރިހާ ލާރިއެއް ދޫކޮށްލާފައި އެހެން ކުޅިވަރުތައް ދޫކޮށްލާ ވަރުގެ ކަމެއް ކަމަށް އަދިއެއް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" މަހުލޫފް ވިދާޅުވި އެވެ.

ތެދެކެވެ. މިއީކީ ހަމައެކަނި ކުޅިވަރު މިނިސްޓްރީން ނަގަންޖެހޭނެ ޒިންމާއެއް ނޫނެވެ. ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ވެސް ބޮޑު ޒިންމާއެއް އޮތް ކަމެކެވެ. މިކަން ކުރުމަށް އެފްއޭއެމުން ވެސް ބޮޑެތި ތައްޔާރީތަކެއް ވެފައި ހުރިކަން އެނގެއެވެ. އެކަމަކު އަށް ކުލަބުގެ ލީގެއް ނުބެލެހެއްޓި ލީގުގެ އެއްވެސް ކަހަލަށް އަގެއް ނެތް އެއްޗަކަށް ވެގެންދިޔައިރު، މުޅި ރާއްޖެއަށް ފުޅާކޮށްގެން ލީގެއް ހިންގުމުގެ ގާބިލްކަން އެ އިދާރާތަކުގައި ނެތްކަން އެންމެނަށްވެސް އިނގެއެވެ.

"ތި ލީގަކީ (ހޯމް އެންޑް އަވޭ ލީގަކީ) މިހާރު އޮތް ބަޖެޓުން އަތުޖެހޭ ވަރަށް ވުރެ މާ ބޮޑު މަސައްކަތެއް،"

ފީފާގެ ރައީސް އިންފަންޓީނޯއަށް ދަނޑުތައް އަޅައިދޭ ވާހަކަ ދެންނެވުމަކުން އަދި ނުފުދެއެވެ. ފުޓުބޯޅައިގެ ހާލަތު މިހާރު އޮތް ހިސާބުވެސް އަލިއަޅުވާލުން މުހިއްމެވެ.