އާއްމު ގޮތުގައި އަޑު އަހަނީ ރާގޮނޑި އާއި ލައްޓި، ފަޅުތެރެއިން ބާނާ ވާހަކައެެވެ. އެކަމަކު ދުވަކުވެސް ކަޅުބިލަމަސް ބާނާ ވާހަކަ އަޑު އެހިން ހެއްޔެވެ؟ ދެކުނުގައި މަސް ކިރާ އެންމެ ބޮޑު ކާރުހާނާ ހުންނަ ކޫއްޑޫ ފަޅުތެރޭ ފުރާލީ ކަޅުބިލަ މަހުގެ އައިނަކުންނެވެ.

އެ މަންޒަރު ފޭސްބުކަށް ލައިވް ކުރި ގއ. ވިލިނގިލީ އަދީބު ސުހައިލް “ހަތާވީސް”އަށް ބުނީ ކޫއްޑޫ ފަޅުތެރެއަށް ވަދެގެން އުޅެނީ ކަޅުބިލަމަސް އައިނެއް ކަމަށާއި ބުރާސްފަތި ދުވަހާއި އާއި އިއްޔެ ވެސް ފަޅުތެރެއިން މަސް ބޭނި ކަމަށެވެ.

“މިއީ ދެ ވަނަ ދުވަސް މިގޮތަށް މަސް ބާނާތާ. އިއްޔެ އާއި މިއަދު ވެސް މި އައިނު ފަޅުތެރެއަށް ވަތް. އިއްޔެ ވެސް ވަދެފަ ނުކުމެގެންދަނީ. އަނެއްކާ މިއަދު މި ވަނީ،” އަދީބު ވިދާޅުވިއެވެ.

“ދުވަކުވެސް އަޅުގަނޑު އަޑެއް ނާހަން، ކަޅުބިލަމަސް ފަޅުތެރެއިން ބާނާ ވާހަކަ. އެކަމަކު މި އޮތީ ކަޅުބިލަމަސް ވަދެފައި،”

https://twitter.com/hathavees/status/1647095308046966784?s=20

ކަނޑުމަހު މަސްވެރިކަމުގައި ހުވަދު އަތޮޅަކީ މަޝްހޫރު އަތޮޅެކެވެ. އަތޮޅުގެ އެތެރެވަރިން ވެސް ކަލުބިލަމަހާއި ގޮދާ އަދި ކަންނެލި ކުރިން ބާނައެވެ. ނަމަވެސް މިހާ ހުވަދޫ މަސްވެރިން ކަނޑުމަހުގެ މަސްވެރިކަން ކުރަން ދުރު ހިސާބުތައް ދުއްވަންޖެހެއެވެ.

ކަޅުބިލަ މަސް ކޫއްޑޫ ފަޅުތެރެއިން ބޭނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ދަހި އައިނަކަށް ނުވުމުން، އެ މީހުން ބައެއް މަސް ބޭނީ ބުޅި އަޅުވައިގެންނެވެ. އެކަމަކު އެހާ ބައިވަރެއް ބޭނޭ ގޮތެއް ނުވެއެވެ.

މަސް ގަތުމަށް ރާއްޖެއިން ބޭރުން ބޮޑެތި އާގު ބޯޓު ފަހަރު ކޫއްޑޫއަށް ބަނދަރުކުރެއެވެ. ކޫއްޑޫގައި ދެ ބަނދަރު އޮވެއެވެ. އެއީ އެއަރޕޯޓް ފަޅީގައި އޮންނަ ބަނދަރާއި މަސް ކާރުހާނާ ހިންގާ ބަނދަރެވެ.

ހަތަރު އެއާޕޯޓް އޮންނަ ހުވަދޫގައި އެންމެ ބިޒީ އެއާޕޯޓު ވެސް ހިންގަނީ ކޫއްޑޫގައެވެ. އަދި ކޫއްޑޫގެ ދެކުނު ފަރާތުގައި ވަކިން ރިސޯޓެއް ވެސް ހިންގައެވެ.