ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުވާން ލިބުނު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ޓީމެއް "ބިލްޑު" ކުރެވިއްޖެ ކަމަށާއި އެ ޓީމާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އެ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އަލީ އަރީފް ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގައި މީގެ ކުރިން މަސައްކަތް ކުރެއްވި އަރީފް "ހަތާވީސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އަކީ އެންމެނާ ވެސް ގުޅޭ އަދި ކޮންމެ މީހަކާ އެކުގައި ވެސް މަސައްކަތް ކުރެވޭނެ މީހެއް ކަމަށެވެ. އިންތިހާބަށް ނުކުންނެވިއިރު އެންމެ ބޮޑަށް ކުރިމަތިވި އެއް ކަމަކީ އޭނާއާއެކުގައި މަސައްކަތް ކުރާނެ ރަނގަޅު ޓީމެއް ބިލްޑު ކުރުން ކަމަށެވެ.

https://twitter.com/hathavees/status/1646832286485315584?s=20

"މެމްބަރުން އިތުރު ކުރުމާއި މި މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރަންޖެހުނީ. ބޮޑު ދެ ޕާޓީގައި އެ މަސައްކަތް ކުރާކަށް ނުޖެހޭ. އެހެންވީމަ އަޅުގަނޑުމެންނަށް ފުރަތަމަ ގޮންޖެހުމަކަށް ވީ ޓީމެއް ބިލްޑުކުރުން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ ކުރެވުނު މަސައްކަތުން ވަރަށް ބާރު ސްޕީޑެއްގައި މި ދާއިރާގެ ތިން ރަށުގައި ވެސް އަޅުގަނޑުމެންނަށް ޓީމެއް ތައްޔާރުކުރެވިގެން ފުރިހަމަ ކެމްޕެއިނެއް ވެސް ކުރެވިއްޖެ. އޭގެ ނަތީޖާ ވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ،" އެމްއެންޕީގެ ކެންޑިޑޭޓް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ މި އިންތިހާބަށް ސަރުކާރުގެ ނުފޫޒު ފޯރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތްތުން މި ބައި އިލެކްޝަންސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން [އެމްއެންޕީ]ގެ ސިޔާސަތަކީ ސަރުކާރުތައް ޒިންމާދާރު ކުރުވުން. އަދި ރައްޔިތުން މަޖިލީހުގައި ވެސް އެ އަޑު އުފުލުން،" އަރީފް ވިދާޅުވިއެވެ.