އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ތިއްބެވީ ވަރަށް މަދު އަދަދެއްގެ މެންބަރުތަކެއް ކަމަށާއި އެހެން ކަމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތްތަކަށް ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ގެއްލިއްޖެ ނަމަ އަނެއްކާވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އެ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ހުސައިން ރިޒާ ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ފާއިތުވި ތިން ދައުރުގައި ފުރުއްވި މަރްހޫމް އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ "ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިގެން ދިޔަ ކެމްޕެއިނުތަކަށް ބަލާއިރު މާދަމާ އޮންނަ އިން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

https://twitter.com/hathavees/status/1646821849865809922?s=20

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރަމުން އަންނައިރު، ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ރިޒާ ފާހަގަކުރެއްވިއެވެ. މަޖިލިސް ތެރެއިން އެ މަސައްކަތް ކުރުމަށް އިދިކޮޅަށް ލިބިފައިވާ މަދު ގޮނޑިތަކުގެ ތެރެއިން އެއް ގޮނޑިއަކީ ގުރައިދޫ ދާއިރާގެ ގޮނޑި ކަމަށް ރިޒާ ވިދާޅުވިއެވެ.

"މި ގޮނޑި ގެއްލިއްޖެ ކަމަށްވެއްޖިއްޔާ އިތުރަށް އެކަން [ސަރުކާރު ޖަވާބުދާރީ ކުރުވުމަށް] އުނިވެގެން ދާނެކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިއްމު ގޮނޑިއެއް އެއީ އަޅުގަނޑުމެންނަށް ސަރުކާރު ޖަވާބުދާރީ ކުރުވާ ތިން ރަށުގެ [ގުރައިދޫ، ގުޅި އަދި މާފުށި] ތަރައްގީ އަށް ރާވާފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ހަމަ... ރައްޔިތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން ދެނެވަޑައިގަންނަވާނެ،" ރިޒާ ވިދާޅުވިއެވެ.