"ދައުރު" ނޫހުގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހްމަދު ނާއިފް އާއި މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ ޒާހިރު) އަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

"ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެ އިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" އެ ސުރުހީގެ ދަށުން ލިޔުނު ރިޕޯޓަކާއި ގުޅިގެން ހިރިގާ އަދި ނާއިފަށް މަރުގެ އިންޒާރުތައް ވަނީ ލިބިފައެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން މިރޭ އިނގިރޭސި ބަހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ނޫސްވެރިންނަށް އިންޒާރު ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ނޫސްވެރިންގެ އިތުރުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެމީހަކަށް ފެންނަ ހިޔާލެއް ފާޅު ކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާކަން އެ ކޮމިޝަނުގެ ބަޔާނުގައި ފާހަގަކުރިއެވެ. ނަމަވެސް އެ ހައްގުގެ ބޭނުން ނޫސްވެރިން ކުރުމުން ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ލިބޭ ކަމަށާއި އެއީ އެ ކޮމިޝަނުން ހިތާމަ ކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ނަމަވެސް ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރަމުން އަންނަ މަސައްކަތްތަކަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ތައުރީފު ކޮށްފައެވެ. އެ ބަޔާނުގައި ބުނީ ޖިސްމާނީ ނުރައްކަލަކާ ކުރިމަތިލާން ނުޖެހި މައުލޫމާތު އުފައްދައި ފޯރުކޮށްދިނުމަށްޓަކައި ނޫސްވެރިންނަށް ހާއްސަ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ހިޔާލުފާޅުކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމުގައި، އޭގެ އެންމެ ފުރިހަމަ މިންވަރަށް، އާންމުންނާއި ކަމާބެހޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.