ހަޔާ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއާ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
އެގޮތުން އެ މަސައްކަތުގެ ކޮންކްރީޓް މަސައްކަތްތައް މުޅިން ވަނީ ނިންމައިފައެވެ. އެހެންކަމުން މިހާރު ކުރިޔަށް ދަނީ ރޭނުމުގެ މަސައްކަތްތައް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ހއ. ދިއްދޫ ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައި ވަނީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެ ކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް އެ އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
"މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ސިނާޢީ މަސައްކަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއް" ކަމާއި މިފަދަ އިންސްޓިޓިއުޓަކުން "ޒުވާނުނުންނަށް އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބުމަކީ ރާއްޖޭގެ ޒުވާން އާބާދީއަށާއި ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް" ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އެ އިންސްޓިޓިއުޓުގައި ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ ލެބޯޓަރީ އާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، އެ ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮ ކަމަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.
އެ މަޝްރޫއުތަކަކީ، މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހި ކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް އިތުރު އެހެން މޮޑެލްތަކުގައި ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލު ކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ދިއްދޫގައި އެޅޭ ޖޫނިއާ ކޮލެޖަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު އަތޮޅު ތެރެއަށް މަސައްކަތުގެ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދިއްދޫގައި ގާއިމުކުރެވޭ ޖޫނިއާ ކޮލެޖުން ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވީއެންމެ އަވަހަކަށް ފަހިވެގެންދާތަން އެންމެނަށް ފެނިގެން ދިއުމަކީ އުއްމީދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.