ފާއިތުވި ދެތިން ދުވަހު ދުނިޔޭގެ ނޫސްތަކުގައި ދެކެވެމުންދާ އެއް ވާހަކައަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ނޮދަން އަޔަލޭންޑަށް ކުރެއްވި ދަތުރުފުޅުގެ ވާހަކައެވެ. ނޮދަން އަޔަލޭންޑުގެ ވެރިރަށް ބެލްސްފަސްޓަށް ބައިޑެން ކުރެއްވި ދަތުރުފުޅުގައި މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްއާ ދެ ބޭފުޅުން ބައްދަލުވެވެޑައިގެންނެވި ވަގުތުކޮޅެވެ. ބައިޑެންއަށް މަރުހަބާ ކިޔުމަށް ސުނަކްގެ އިތުރުން އެމެރިކާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޭން ހާޓްލޭވެސް ވަޑައިގެންނެވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ އެއާފޯސް ވަން އިން ބައިޑެން ފައިބައިވަޑައިގެންނެވުމާއެކު މަރުހަބާ ކިޔުމުގެ ގޮތުން ސަލާމްކުރައްވަން ސުނަކް މަސައްކަތް ކުރައްވާ ތަނެވެ.

https://twitter.com/implausibleblog/status/1646151112892854276

ނަމަވެސް ބައިޑެން، އިނގިރޭސި ބޮޑުވަޒީރަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ވީޑިއޯއިން ފެންނަނީ ސުނަކްގެ ކޮނޑުގައި އަތް ޖައްސާލުމަށް ފަހު މަޑު މަޑުން ފަހަތަށް ޖައްސާލަ މަންޒަރެވެ. އެއަށް ފަހު އެމެރިކާގެ އެމްބެސަޑަރާ ބައްދާލާ މަންޒަރެވެ. ސުނަކް ހުންނެވީ "ވާނުވާ" އެއްގެ ތެރޭގައެވެ. އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަމެއް ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައިވެއެވެ. ކޮމެންޓުކުރި ބައެއް މީހުން ބުނީ ބައިޑެން އަށް ސުނަކް އަކީ ކާކުކަމެއް ނޭނގުނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ބައިޑެން ހީކުރީ ސުނަކް އަކީ އެތަނަށް ގޮސްހުރި އާއްމުންގެ މީހެއް ކަމަށެވެ.

ނަމަވެސް އެ ވީޑިއޯ ރަނގަޅަށް ބަލާލުމުން ބައިޑަން ސުނަކްއާ ސަލާމްކުރައްވާ މަންޒަރު ފެނެއެވެ. ނަމަވެސް ދެ ބޭފުޅުން ސަލާމްކުރެއްވީ ތަފާތު ގޮތަކަށެވެ. ދެ ބޭފުޅުން ވަނީ ރަސްމީ މަޝްވަރާތަކެއް ބާއްވާފައެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިޑަން ވަނީ ބެލްފާސްޓުގައި ހުންނަ އުލްސްޓަ ޔުނިވާސިޓީ ގައި ތަގުރީރު ކުރައްވާފައެވެ. އެ ޔުނިވާސިޓީގެ ދަރިވަރުންނާ ވާހަކަ ދައްކަވަމުން ބައިޑަން ވަނީ ނޮދަން އަޔަލޭންޑުގެ ޒުވާނުންނަށް ތައުރީފްކުރައްވާފައެވެ. ބައިޑެން ވިދާޅުވީ ނޮދަން އަޔަލޭންޑަކީ އުފެއްދުންތެރި ގައުމެއް ކަމަށެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު ފިލްމުތަކާއި ޓީވީ ސިލްސިލާތައް އެ ގައުމުން އުފައްދާފައިވާ ކަމަށާއި އިގްތިސާދީ ބޮޑެތި ފުރުސަތުތައްވެސް ލިބޭ ކަމަށް ވިދާޅުވިއެވެ.