އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ދާދިފަހުން މަގާމުން ވަކިކުރެއްވި ހުސައިން އަމްރު އަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކި ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.

މަގާމުން ވަކި ކުރެއްވުމާއެކު އަމްރު އަންނަނީ މި ސަރުކާރާއި ސަރުކާރު ކުންފުނިތަކަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން މީގެ ދެ ދުވަސް ކުރިން އަމްރު ވަނީ ފެނަކައާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެނަކައިގެ ހިންގުން އޮތީ ދޯދިޔާވެ އޮތީ ބޮއްސުންލާފައި ކަމަށެވެ.

ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭ ވަރަށް ދަރާފައިވާ ކަމަށާއި އެ މައްސަލަ އަށް އެއްވެސް ހައްލެއް އެއްވެސް މުއައްސަސާއަކުން ލިބިފައި ނުވާ ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެއިތުރުން އަމްރު ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ސަރުކާރުން ކަންތައް ކުރީ އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި ވަކި ސިޔާސަތެއް، އަމާޒެއް ނެތި ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، މަސް ގަންނަ އަގު ދަށްކުރަން ޖެހުމުން ފޫނުބެއްދޭ ބޮޑެތި ގެއްލުން ވެގެންދިޔަ ކަމަށާއި އެއީ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، ޕްރޮޖެކްޓުތައް ހިނގާ ނުހިނގާ ގޮތް ނުބަލާ ދޫކޮށްލުމުގެ ނަތީޖާ ކަމަށް އަމްރު ވިދާޅުވިއެވެ.

https://twitter.com/myfoona/status/1646084725533179904?s=46&t=M9M5hUKhSMLW6TzFVtCYOQ

އަމްރު އަށް ފާޑު ވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފެއިލްވެފައިވާ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަންދެން ހުރުމަކީ ބޮޑު ޖޯކެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ފެއިލްވެފައިވީ ކަމަށް ގަބޫލު ކުރެވުނު ނަމަ މަގާމުން އިސްތިއުފާ ނުދެއްްވީ ކީއްވެގެންތޯ ސައީދު ސުވާލު އުފެއްދެވިއެވެ.

މަގާމުން އަމްރު ވަކި ކުރެއްވިއިރު އޭނާ އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން އެމްޑީޕީގެ ހަރަކާތްތަކާއި ފެއަށް ޖެހި ނަޝީދު ހިންގަވަމުން އަންނަ “ފިކުރެއްގެ ދިރުން” ފެކްޝަނުގައި ވެސް އަމްރު އަންނަނީ އިސްކޮށް ހަރަކާތްތެެރިވަމުންނެވެ.