އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި މާލެ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު އެމް.ޑަބްލިޔު.އެސް.ސީ ބޭއްވި ރަސްމިއްޔާތުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން މަރުކަޒުގެ އިސްވެރިޔާ އަދި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މުހައްމަދު ތާރިގު އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ހަސަން ޝާހެވެ.
މި ރަސްމިއްޔާތުގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އޮނޮރަބަލް ޔުމްނާ މައުމޫން ގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްބަސްވުމުގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަ އާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސާވޭލަންސް ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ އެ މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ގެ ހާއްސަ ލަފައާއި އިރުޝާދާއި އެކު، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތްތަކެކެވެ. އަލި ރަސްގެފާނު ޒިޔާރަތް ފަދަ ރައްޖޭގެ މުއްސަނދި ސަޤާފީ ތަރިކަ ފެންނަށް ހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަޤާފަތް އަންނައޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
އާސާރީ ތަރިކަ ހިމާޔަތް ކުރުމާއި އެތަންތަން ރަނގަޅު ގޮތުގައި ބެލެހެއްޓުމުގެ މިފަދަ ފުރުޞަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ މިކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެކެވެ. އަދި މިއީ މުޖްތަމަޢަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައިވެސް ކުންފުނިންން ދެކެމެވެ. އެމް.ޑަބްލިއު.އެސް.ސީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.