ހުޅުމާލޭ ފޭސް ދޭއްގައި އިތުރު މިސްކިތެއް ގާއިމު ކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕވޓ ލޓޑ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސް ވުމުގެ ދަށުން ހުޅުމާލޭ ފޭސް 2 ލޮޓް ނަންބަރު 20243 ގައި ގާއިމުކުރެވޭ އެ މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގާގައި ގާއިމު ކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އާބަންކޯ އިން މިއަދު ބުނީ އެ ކުންފުނީގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައި.ސީ.އެމް.ޕީ.އެލް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒުއެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފުއެވެ.
ހުޅުމާލޭ ފޭސް 2ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ގާއިމު ކުރުމުގެ ތެރެއިން، މިއަދު ސޮއި ކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކުރެވި، ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ.
އަދި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2 ގައި ހުރެއެވެ. ހުޅުމާލެ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބެނުންތަކެއް ހިމެނިގެން ތަރައްޤީ ކުރެވޭ ރަށަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.