ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާ އަކަށް ވާން ޖެހޭނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހީމް ޝާޒުގެ ކެމްޕެއިނުގައި ކ. ގުޅި އަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައި އިލެކްޝަނުގައި ޝާޒު އިންތިހާބު ކޮށްދެއްވައިފި ނަމަ ރިޔާސީ އިންތިހާބުގައި ގުރައިދޫ ދާއިރާ އަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަސޭހަތަކެއް ހުންނާނެ ކަމަށެވެ.
ދެހާސް އަށާރަވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން ރައީސް ސޯލިހު އިންތިހާބު ކުރެއްވި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ވިސްނުން ގެންގުޅުއްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ އެކަހެރިކޮށް އަޅުގަނޑުގެ އަމާޒަކަށްވީ އަޅުގަނޑުމެން އެ ވިއްކި މެނިފެސްޓޯ ވީ ވައުދުތައް ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ފުއްދައި ދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ދައުރަކީ ގާނޫނުތައް ހެދުމުގެ އިތުރުން ވެސް ވަރަށް ގިނަ ޒިންމާތައް އޮންނަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް އެރަށަކަށް އެ ދާއިރާ އަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެންމެ އިސް ސަފުގައި މަސައްކަތް ކުރާ އެކަކަށް މަޖިލީހުގެ މެންބަރު ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއިރެއްގައި އެ އޮންނަ ސަރުކާރަކާއި އެކީގައި އެ ދާއިރާއެއްގެ މެންބަރެއްގެ ވިސްނުމުގައި ހުރެއްޖެ ނަމަ އެ ދާއިރާ އަކަށް ތަރައްގީ ގެނައުމަށް ފަސޭހަވެގެން ދާނެ ކަމަށާއި ގުރައިދޫ ދާއިރާގެ ރައްޔިތުން ވިސްނުން 2018ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ހާމަ ކޮށްދިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 50 ޕަސެންޓަށްވުރެ ގިނައިން ގުރައިދޫ ދާއިރާގެ ރައްޔިތުން ވޯޓު ދެއްވީ މިހާރު އޮތް ސަރުކާރު ގެނައުމަށް ކަމަށާއި އެހެންކަމުން ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނުގައި އެ ދުވަހު އެ ނިންމި ނިންމުމާއި ވިސްނެއްވުމަށް ރައީސް އެދިލެއްވިއެވެ.