ކުރީގެ ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިމާރާތް ކުރުމަށް ނިންމާފައިވާ އެ ސްކޫލުގެ އާ އިމާރާތް އަންނަ އަހަރުގެ ދިރާސީ އާ އަހަރަށް ނިމޭވަރު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާއި މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެކަމަނާ ވިދާޅުވީ މިއަދު އެ ސްކޫލުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަހުގެ ނިޔަލަށް އަރަބިއްޔާ ސްކޫލުގެ ތަފްސީލީ ކުރެހުން ވެސް ނިމޭނެ ކަމަށެވެ.

"އެހެންނަމަވެސް މިއަދުގެ ވަގުތެއްގައި އަސްލު އަމަލީ މަސައްކަތް ބާ ޖަމާލުއްދީން ހުރި ތަނުގައި ފަށާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތް ވީރާނާވެ އެ ސްކޫލުގެ ބެލެނެވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް ދިނުމަށްޓަކައި ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވަގުތީ ހައްލެއްގެ ގޮތުގައި އިއްޒުންދީން ސްކޫލު އަރަބިއްޔާގެ ދަރިވަރުންނަށް ހަމަޖައްސައި ދީފައެވެ. އަދި ހުޅުމާލޭގައި އިމާރާތް ކުރާ ދެ ސްކޫލެއްގެ ތެރެއިން ސްކޫލެއް އަރަބިއްޔާގެ ދަރިވަރުންނަށް ހާއްސަ ކުރުމަށްވެސް ނިންމިއެވެ.

އެހެންނަމަވެސް މީގެކުރިން އަރަބިއްޔާގެ ދަރިވަރުން އުފުލަން ޖެހުނު ތަކުލީފު ދެވަނަ ފަހަރަށް އުފުލަން ބޭނުން ނުވާ ކަމަށް ބުނެ އިއްޒުންދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމަށް އަރަބިއްޔާގެ ބެލެނެވެރިން ދެކޮޅު ހެދިއެވެ. އަދި އިހުތިޖާޖުވެސް ކުރިއެވެ.

ރައީސް ސޯލިހު ވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ހައްލަކަށް ސަރުކާރުން ނިންމަވާފައި ވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން އައު އިމާރާތެއް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުޅުމާލެ ފެރީ ޓާމިނަލް ކައިރިއަށްވާ ގޮތަށް ހުންނަ އެމްޓީސީސީގެ ސޯމިލް އިމާރާތް ވަނީ ހަމަޖައްސައި ދީފައެވެ.