ތ. ގުރައިދޫ މިސްކިތު ފާރުގައި ރީނދޫ ކުލަލުމުން، މައްސަލަ ބޮޑުވެއްޖެއެވެ.

ގުރައިދޫއަކީ ޒަމާނުއްސުރެ، “ޕީޕީއެމްގެ ރަށެކެވެ.” ޑީއާރްޕީގެ “ރަން“ ދުވަސްވަރުން ފެށިގެން މި ރަށަކީ އެމްޑީޕީއާ ވާދަވެރިކަން ބޮޑު ރަށެކެވެ. ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ޕީޕީއެމަށެވެ. މަޖިލީހުގައި އެ ރަށް ތަމްސީލުކުރަނީ ވެސް ޕީޕީއެމްގެ މެމްބަރު، ޣައްސާން މައުމޫނެވެ.

އެހެންކަމުން މި ރަށުގެ ޕީޕީއެމް ބައެއް މީހުން ރީނދޫކުލައަށް ނަފްރަތުކުރެއެވެ. އެއީ އެމްޑީޕީގެ ރަސްމީ ކުލައަށްވާތީއެވެ.

މި ރޯދަ މަހު، އެ ރަށު ބޮޑު މިސްކިތު ފާރުގައި ރީނދޫކުލަ ލާފައި ވަނީ ޕީޕީއެމް މެޖޯރިޓީ އޮތް އެ ރަށު ކައުންސިލުންނެވެ. ރޯދައަށް މިސްކިތު އާބާތުރަ ފިލުވުމަކީ އަބަދުވެސް ކައުންސިލުން ކުރަމުން އަންނަކަމެކެވެ. އެގޮތުން މި ރޯދަ މަހު ވެސް ބޭރު ފާރުގައި ކުލަ ލީއެވެ.

[caption id="attachment_49878" align="alignnone" width="1024"] ތ. ގުރައިދޫ ބޮޑު މިސްކިތް: ޑިޒައިން ކުރުމުގެ ގޮތުން ރީނދޫކުލަ ލާފައިވޭ[/caption]

އެކަމަކު ފާރުގައި ލާފައިހުރި ކުލަ ބަދަލުކޮށްދޭން އެ ރަށުގެ ޕީޕީއެމަށް ނިސްބަތްވާ ބަޔަކު ވަނީ ކައުންސިލުގައި ޝަކުވާ ކޮށްފައެވެ. އެ ޝަކުވާ ކުރީ ޕީޕީއެމަށް ނިސްބަތްވާ 8 ވަރަކަށް މީހުން ކައުންސިލަށް ގޮހެވެ. ރީނދޫކުލައަކީ ފައްޅިތަކުގައި ބޭނުންކުރާ ކުލައެއް ކަމަށް ބުނެ، ޝަކުވާ ކުރިކަމަށްވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބަހެއް ހޯދާލަން "ހަތާވީސް" އިން ގުޅާލުމުން ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވީ އެކަމަކަށް ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.

ހަތާވީސްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން މިސްތުގެ ބޭރު ފާރުގައި ރީނދޫކުލާލަފައި ވަނީ ޑިޒައިންކުރުމުގެ ގޮތުންނެވެ.