ނ. މަނަދޫގައި އެކަނިމާ އެކަނި ދިރިއުޅެމުން ދިޔަ އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ މަރާ އެކު މުޅި މަނަދޫ އޮތީ ސިހުމެއްގައެވެ. ބައެއް މީހުންނަށް މިއީ ހަމަ އެރަށުގައި ހިނގި ކަމެއްތޯ ގަބޫލުކުރަން އަދިވެސް ދައްޗެވެ. ސަބަބަކީ ގިނަ ބަޔަކު ހަނދާން ހުންނަން ފެށުނީއްސުރެ އެރަށުގައި އެފަދަ ގޮތަކަށް މީހަކު މަރާލިކަމެއް އެނގިފައެއް ނެތެވެ. އެންމެ ބޮޑު ހައިރާން ކަމެއް ގެނުވަނީ އެކަނިމާ އެކަނި ދިރިއުޅެމުން އަންނަ މީހަކު މަރާލާފައި އޮތުމުންނެވެ.

"މާ ގިނައިން މީހުންނާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫން ނައީމާ އަކީ. ވަރަށް ޒަމާން ވެއްޖެ. ވަރަށް ޒަމާން ވެއްޖެ ނައީމާ އެކަނި އުޅޭތާ. އަޅުގަނޑަކީ ކުރިން ރިސޯޓުގައި މަސައްކަތް ކުރަމުން އައި މީހެއް. މިހެން އުޅެލާފައި ރަށަށް ޗުއްޓީ އަށް އަންނައިރުވެސް ނައީމާ އުޅެނީ ހަމަ މިހެން އެކަނި. އެކަމަކު އަޑު އެހިން ކުރިން ދިރިއުޅުނީ މާލޭގައި ވަޒީފާއެއްގައި ކަމަށް،" އެރަށުން "ހަތާވީސް"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މައުލޫމާތު ހޯދާލުމުން އެނގުނީ ނައީމާ އަކީ މީގެކުރިން ޑިފެންސް މިނިސްޓްރީގައި މަސައްކަތު އުޅުނު މީހެއް ކަމެވެ. އަދި އޭގެ ފަހުން އޭނާ ރަށަށް ބަދަލުވީއެވެ. ނައީމާގެ ދަރިން ތިއްބަސް އެކުދިން ދިރިއުޅެނީ ނައީމާ އެކުގައި އެރަށުގައެއް ނޫނެވެ. އެކަމަކު ތިމާގެ މީހުންނާއި އެއްބަނޑު އެއްބަފާ މީހުން އުޅެނީ ނައީމާ ދިރިއުޅޭ މަނަދޫގައެވެ. ފިރި މަރުވެފައިވާ ހުވަފަތް އަންބެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ރަށުތެރެ ސާފު ކުރުމަށް ކައުންސިލުން ނަގާފައިވާ ޓީމާއެކު މަސައްކަތް ކުރުމެވެ.

“ހަމަ ވަރަށް ރަނގަޅު މީހެއް، މަސައްކަތުގައި ވެސް ވަރަށް ރަނގަޅު މީހެއް. ހަބަރެއް ނުވާތާ ދެ ދުވަހެއް ވަރު ވެއްޖެ. އަންހެން މީހާ އެކަނި އުޅެނީ އަނެއްހެން އަޅާލާނެ މީހަކު ނެތީއެއް ނޫން. ތިން ދަރިންވެސް ތިބޭނެ. އެކަމަކު ދަރިން ދިރުއުޅެނީ ރަށުން ބޭރުގައި. އެކަމަކު އާއިލާގެ އެހެން މެންބަރުން ހަމަ ރަށުގައި ދިރިއުޅޭ،” މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހް ވިދާޅުވިއެވެ.

ކުށްމަދު ރަށެއް، ޝައްކު ކޮށްލާނެ މީހަކުވެސް ނެތް

ނ. އަތޮޅުގެ، އަތޮޅު ވެރިކަން ކުރާ މަނަދޫ އަކީ އާބާދީގައި 2،000އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ރަށެކެވެ. ނަމަވެސް އަތޮޅުވެރިކަން ކުރާ ރަށަށް ވުމުން އެރަށުން ގިނަ ހިދުމަތްތަކެއް ހޯދުމަށް ކޮންމެ ދުވަހަކުވެސް އަތޮޅުގެ އެހެން ރަށްތަކުން ވެސް މީހުން އައިސް އުޅެއެވެ. އެކަމަކު މިރަށަކީ އެހެން ރަށްރަށާއި އަޅާ ބަލާއިރު ކުށްމަދު ރަށެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.

"ކުށް ނުކުރެއެކޭ ނުވާނެ ދޯ ބުނާކަށް. އެކަމަކު ތެދަށް ބުނާ ނަމަ މިއީ ހަމަށް ވަރަށް ވަރަށް ކުށްމަދު ރަށެއް. ގޭންގު މާރާމާރީ އަކީ އަނެއްހެން މިރަށުގައި ނެތް އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހެނެއް ނޫން މަސްތުވާތަކެތި ބޯ ސޮރުމެން އުޅޭނެ. އެކަމަކު އެސޮރުމެންނަކީ ވެސް މިކަހަލަ ޒާތުގެ ކަންކަން ކުރަން ކެރޭނެ ބައެއް ނޫން،" މަނަދޫ އިން ވާހަކަ ދެއްކި މީހަކު އެރަށުގެ ކުށުގެ މާހައުލާ ގުޅޭ ގޮތުން ބުންޏެވެ.

އެރަށުގެ ބައެއް މީހުންނާއި ވާހަކަ ދައްކާލުމުން އެނގުނީ ހުދު އެމީހުން ވެސް ތިބީ ސުވާލު މާކެއްގެ ތެރޭގައި ކަމެވެ. ކުށްމަދު ރަށެއްގައި އެވަރުގެ ބޮޑު ކަމެއް ކުރާނީ ކާކުތޯ އެމީހުންގެ އަމިއްލަ ނަފްސާ ވެސް އެމީހުން އަންނަނީ ސުވާލު ކުރަމުންނެވެ.

"ދެމީހަކު އެއްތަންވެލިއަސް ތި ވާހަކައެއް މި ދެކެވެނީ. ސައި ހޮޓާ ކޮފީ ޝޮޕުތަކުގައި ވެސް ތިޔަ ވާހަކަ. ނެތޭ ނެތޭ... ޝައްކު ކޮށްލާނެ މީހަކުވެސް ނެތް. އާނނ ތިޔަކަހަލަ ކަންކަން މިރަށުގައި ކޮށެއް ނޫޅެއޭ. މިއީ އަހަރެން ހަނދާން ހުންނަން ފެށީއްސުރެ މިރަށުގައި މީހަކު މަރާލައިގެން އުޅޭ ފުރަތަމަ ފަހަރު،" އެރަށު ކައުންސިލްގައި މަސައްކަތް ކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ހައިރާން ވަނީ ނައީމާ ކަހަލަ އެކަނި ދިރިއުޅެމުން އަންނަ މީހަކަށް އެހެން ހަދާލީމެވެ. ތުންތުން މަތިން ރަށުތެރޭގައި އަބަދުވެސް ނައީމާއޭ ކިޔައިގެން ދެކެވޭ ވާހަކައެއް އޮންނަ ކަމަށާއި އެކަމަކު އެފަދަ ގޮތަކަށް ނައީމާ މި ދުނިޔެ ދޫކޮށް ހިނގައި ދާނެ ކަމަކަށް ގަބޫލުކުރަން ވެސް ދަތި ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ ހަފްތާގައި ވެސް މަށާ ދިމާވި. ވަރަށް ފަތިހާ ތެދުވާނެ. ކުނި ކަހަން ދިޔަ ގަޑީގައި ދިމާވީ. އެންމެންނަށް ވުރެ ކުރިން ނައީމާ ދާނެ. މަށަށް ގޮވާލީ ވެސް އޭނާ [ނައީމާ] މަވެސް ހަމަ ގޮވާލާ ހާލު އަހާލިން. އެއްވެސް ކަހަލަ ކަމެއްވެފައި ހުރިހެނެއް ހިއެއް ނުވޭ. ދެން ބުނާކަށް ނޭނގޭނެ ދޯ ހަމަ ބޭރުފުށުން ރަނގަޅު ކަމަށް މީހުންނަށް ވެސް ދައްކާފާނެ،" އިތުރަށް އޭނާ ބުންޏެވެ.

ކޮންމެއަކަސް ނައީމާ މި ދުނިޔެއަކު މިއަދަކު ނެތެވެ. އެހެންކަމުން ތުންތުން މަތިން ނައީމާއޭ ކިޔައިގެން ދެކެވޭ ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ފުލުހުން އަންނަނީ ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވެސް ބުނަނީ ނައީމާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެކަމަކު ނައީމާގެ މަރުވެފައި އޮތްތަން ފެނުނުތާ ތިން ދުވަސް ވެގެން ދާއިރު އޭނާގެ ގާތިލެއް އަދިވެސް ނުފެނެއެވެ. ނައީމާގެ ގާތިލަކީ މަނަދޫ މީހެއް ނަމަ، މިއީ އެރަށުގެ އެހެން ރައްޔިތުންނަށް ވެސް ހުރި ނުރައްކަލަކެވެ.