މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ބޭރުކޮށްލައިފައެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރު ކޮށްލާފައި ވަނީ ރިޝްވަތުގެ ގޮތުގައި ދިން ފައިސާކަން ސާބިތު ކޮށްދެވޭނެ ކަމަށް ނުފެންނާތީ ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 13ވަނަ ދުވަހު ހައިކޯޓުން ވަނީ މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކޮށްލީ ގާނޫނާއި ހިލާފަށް ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް އަމުރުކުރިއެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތްތަކެއް ކްރިމިނަލް ކޯޓުގައި ކުރިޔަކަށް ނުދެއެވެ.

ޕީޖީ އޮފީހުން މިހާރު ވަނީ މަހްލޫފުގެ އެ މައްސަލަ އަނބުރާ ގެންދިއުމަށް ނިންމައިފައެވެ. އެކަމުގެ ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.
މަހްލޫފަށް ދައުވާކުރެވުނު ގޮތް:
މަހްލޫފަށް ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާދީފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ހިޔާނާތުގެ މައްސަލާގައި މީގެކުރިން އޭސީސީން އެކުލަވާލި ރިޕޯޓުގައި ވެސް މަހްލޫފުގެ ނަން އޮތެވެ. އެ ރިޕޯޓުގައި ފައިސާ އެންމެ ބޮޑަށް ވަދެގެން ދިޔަ އެސްއޯއެފް ކުންފުނި މެދުވެރިކޮށް ޑޮލަރު ގަތް މައްސަލައެއްގައެވެ. އޭސީސީގެ ރިޕޯޓުގައި މަހްލޫފު އެސްއޯއެފް އިން 33،000 ޑޮލަރު ގަތް ކަމަށް ބުނެފައިވެއެވެ. އަދި އެ ޑޮލަރަށްވާ ފައިސާ ދެއްކި ކަމުގެ ރަސީދުވެސް ހިމަނާފައިވެއެވެ.

އޭސީސީ އިން ބުނީ ކުރީގެ ސަރުކާރުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް މަހްލޫފު ވޯޓަށް އެހުމުގެ އެއް ދުވަސް ކުރިން އޭނާ ހުންނެވީ މެލޭޝިޔާގައި ކަމަށާއި އޭނާ ރާއްޖެ އައީ ސީދާ އެ ވޯޓަށް ކަމަށެވެ. އަދި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި މަހްލޫފާ ދެމެދު ކޮށްފައިވާ މެސެޖުތަކުން މަހްލޫފަށް ލިބުނު 33،000 ޔޫއެސް ޑޮލަރަކީ ކުށް ކޮށްގެން ހޯދި ފައިސާކަން އެނގެން އޮތް ކަމަށާއި އެ ފައިސާ އަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށް ދިން ފައިސާ ކަމަށެވެ.