ނ. މަނަދޫގައި މިއަދު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ އަށް ވަޅިން ހަމަލާދީފައިވާކަން "ހަތާވީސް" އަށް އެނގިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މަނަދޫގައި ގެއެއްގައި އެކަނި ދިރިއުޅެމުން އަންނަ އުމުރުން 62 އަހަރުގެ އަންހެނެއްގެ ހަބަރެއް ނުވާ ކަމަށް މިއަދުގެ 18:13 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެގެއަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ގެއަށް ދިއުމަށްފަހު އޭނާ ދިރިއުޅޭ ގޭގައި ހުންނަ އޭނާގެ ކޮޓަރީގެ ދޮރު ވައްޓާލާ ކޮޓަރިއަށް ވަތްއިރު އެމީހާ އޮތީ ބިންމައްޗަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ބިންމަތީގައި ވެއްޓިފައި އޮތްއިރު މަރުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އަންނަނީ އެކަން ބަލަމުންނެވެ.
[caption id="attachment_49816" align="alignnone" width="1024"] މަނަދޫގައި މަރާލާފައިވާ އަންހެން މީހާ ދިރިއުޅޭ ގޭގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައި --- ފޮޓޯ / ހަތާވީސް[/caption]
މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ޞަބީހް އެރަށު ކޮމިއުނިޓީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ އަންހެން މީހާގެ މަރާއި ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެރަށަށް ރަށަށް އަރާ ފޭބުމުގައި ފުލުހުންނަށް އަންގަން ވާނެ ކަމަށެވެ. ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކަށް ވާތީ އިތުރަށް ފުލުހުން ބަލަމުން އަންނަނީ ކޮން ކަންތައްތަކެއްތޯއެއް ސޮބީހް ހާމައެއް ނުކުރެއެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "ހަތާވީސް"އާ ވާހަކަދައްކަވަމުން މިރޭ ބުނީ އެމީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި ކަރުވެސް ބުރި ކޮށްލުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެމީހާ ވެއްޓިފައި އޮތް ތަނުގައި ވަރަށް ބައިވަރު ލޭ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ކައުންސިލްގެ ރައީސް ޞަބީހް "ހަތާވީސް" އަށް ވިދާޅުވީ އަދިވެސް ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމަކުން އެރަށަށް އައުމަށް ދަތުރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޞަބީހް ވިދާޅުވީ އެ އަންހެން މީހާ އަކީ ރަށުތެރެ ސާފު ކުރުމުގެ މަސައްކަތުގައި އުޅޭ ކައުންސިލްގެ މުވައްޒަފެއް ކަމަށެވެ.
"ހަމަ ވަރަށް ރަނގަޅު މީހެއް، މަސައްކަތުގައި ވެސް ވަރަށް ރަނގަޅު މީހެއް. ހަބަރެއް ނުވާތާ ދެ ދުވަހެއް ވަރު ވެއްޖެ. އަންހެން މީހާ އެކަނި އުޅެނީ އަނެއްހެން އަޅާލާނެ މީހަކު ނެތީއެއް ނޫން. ތިން ދަރިންވެސް ތިބޭނެ. އެކަމަކު ދަރިން ދިރުއުޅެނީ ރަށުން ބޭރުގައި. އެކަމަކު އާއިލާގެ އެހެން މެންބަރުން ހަމަ ރަށުގައި ދިރިއުޅޭ،" ޞަބީހް ވިދާޅުވިއެވެ.