ވިސާގެ މައްސަލަ ދިމާވެ ރަމަޟާން މަހުގެ އުމްރާ އަށް ދިއުމުގެ ދަތިތަކާއި ދިމާވެފައިވާ ސަފާ ގްރޫޕްގެ އުމްރާވެރިން، ރަމަޟާން މަހުގެ ފަހު 10އަށް މައްކާ ދާނެ ކަމުގެ ޔަގީންކަން އެ ގްރޫޕުން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން މިނިސްޓްރީން މިރޭ ބުނީ ސަފާ ގްރޫޕުގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށް ބުނެ، އުމްރާ ދަތުރު ކެންސަލްކުރުމަށް އެކުންފުނިން ނިންމި ނިންމުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން، އެކަން ހިނގާފައިވާ ގޮތް ބަލައި، އުމްރާވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިމިނިސްޓްރީގެ ފަރާތުން މިދަނީ މަސައްކަތްކުރަމުންނެވެ. އެ މައްސަލާގައި ކަންހިނގާފައިވާ ގޮތާއި އުމްރާވެރިން މި އަހަރު ރަމަޟާން އުމްރާއަށް ގެންދިއުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭ ގޮތުން، ސަފާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ނަސީމް އިސްލާމިކް މިނިސްޓްރީ އަށް ހާޒިރު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

https://twitter.com/MVIaffairs/status/1644383104554110977?s=20

"މި ރަމަޟާން މަހު އުމްރާއަށް ގެންދިއުމަށް ކުންފުންޏަށް ފައިސާ ދައްކާފައިވާ އުމްރާވެރިން، އެންމެ ލަސްވެގެން ރަމަޟާންމަހުގެ ފަހު 10 އަށް އުމްރާއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް މި މިނިސްޓްރީން ވާނީ އަންގާފައެވެ. އުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލްގައި އެއާލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ އުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވެއެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މައްސަލާގައި، ކުންފުނިން އަމަލުކުރަމުންދާ ގޮތް އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުސޫލުގެ ތެރެއިން އެކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އެކުންފުންޏަށް އަޅާނެ ކަމަށެވެ.