އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) އަކީ އިންޑިއާ ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ އަވަށްޓެރި ގައުމުތަކުގައި ކެޕޭސިޓީ ބިލްޑް ކުރުމާއި ހުނަރުތައް ދަސްކޮށްދީ ކުރިއެރުވުމެވެ. 1964 ވަނަ އަހަރު އުފެއްދި އައިޓެކް ގައި 160 އަށް ވުރެ ގިނަ ގައުމުތަކުން ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެކި ޕްރްގާރްމާތަކުގައި ބައިވެރިވެފައެވެ.
އައިޓެކް ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ގޮތަށް، ޑިމާންޑު އޮންނަ ގޮތަށެވެ. އެ ޕްރޮގްރާމްތަކުގެ އަމާޒަކީ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމުގެ ހުނަރު އިތުރުކުރުމެވެ. އެ ޕްރޮގްރާމްގެ ދަށުން އިންޑިއާއަށް ޒިޔާރަތްކޮށް ކުރުމުގެ ފުރުސަތު ލިބޭއިރު، އެހެން ގައުމުތަކުގެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. މިއީ ހިލޭ ހިންގާ ޕްރޮގްރާމުތަކަކަށް ވާތީ ބައިވެރިވާ ފަރާތްތަކުން އެއްވެސް ވަރަކަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
އައިޓެކް ޕްރޮގްރާމާއެކު ބައިވެރިއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. މީގެ ކުރިން އޮތީ ރާއްޖެއިން ކޮންމެ އަހަރަކު ވެސް 50 މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ކޮންމެ އަހަރަކު ވެސް ބައިވެރިވެވޭނެ މީހުންގެ އަދަދު 200 އަށް ވަނީ އިތުރުކޮށްފައެވެ. މައިގަނޑު އަމާޒަކަށްވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުކުރުން މަނާކުރުމުގެ ސަބަބުން މީހުން އައިޓީއީސީގެ ތަމްރީނު ޕްރޮގްރާމްތައް ހުއްޓާލަން ޖެހުނެވެ. ނަމަވެސް އޮންލައިން ކޮށް ކޯސްތަކުގެ ކިޔެވުން ކުރިއަށް ދިޔައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ އެ ކޯސްތަކުން ރާއްޖޭގެ 650 އަށްވުރެ ގިނަ ބަޔަކަށް މަންފާ ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުން މި އަހަރުގެ މާޗްގެ ނިޔަލަށް އިންޑިއާގެ 40 އަށްވުރެ ގިނަ މުއައްސަސާތަކުން ކުރިއަށް ގެންދިޔަ އެކި ކަހަކަ 60 ތަމްރީނު ކޯހެއްގައި ރާއްޖެއިން 170 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.