އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއިން ރުބެއްލާ ނައްތާލުން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް އެފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ދެއްވި ހިތާބެއްގައެވެ. އެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ފާއިތުވި 75އަހަރަކީ އޭގެ ކުރިން ތަހަންމަލުކުރި ބޮޑެތި ބަލިތަކާ ބުރަ އާއި ތަކްލީފްތައް ނިމިގެންދިޔަ 75 އަހަރު ކަމަށެވެ. ބަލި ޖެހުމުން އެއްފަރާތްކޮށް އިންސާނާ އެކަހެރި ކުރުމަކީ ބިމުން މަތީގައި މަރުވަންދެން މީހާ ވަޅުލާފައި ބެހެއްޓުން ފަދަ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެބިރު ދިވެހިރާއްޖޭގައި އޮތް ހާލަތާ ނެތް ހާލަތު ބައެއް ރައްޔިތުން ދެކެފައިވާނެ ކަމަށާއި އެހާލަތުން މިހާރު އަރައިގަނެވިފައިވުމަކީ ފާއިތުވި 75 އަހަރުގެ ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެ އިން ހޯދި. ކަމާގުޅޭ އދގެ ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތް ކުރި. ކުޑަކުދިންނާ އަންހެނުންނަށް ހާއްސަ ކަންމުގައި ޝާމިލްވެވުނު. އޭގެ ކާމިޔާބީ ވެސް ލިބިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.
މެލޭރިއާ އާއި ހިމަބިއްސާ ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ލިއްބައި ދެވިއްޖެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައި ވީ ނަމަވެސް، ޙައްލު ހޯދަން ޖެހޭ ކަންކަން އެބަހުރި. އަމާޒަކީ؛ 2023 ވަނަ އަހަރު، އާދެ! މި އަހަރު، ރުބެއްލާވެސް ރާއްޖެއިން ފޮހެލުން 2025ގެ ނިޔަލަށް ދިވެހިރާއްޖެ އިން ޓީބީ ނައްތާލުން. އަދި، ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީ ވެސް މުޅިން ފޮހެލުން،" މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހިތާބުގައި ފަހުގެ ތާރީހެއްގައި އިންސާނިއްޔަތު ތަޖްރިބާ ކުރި އެންމެ ބިރުވެރި ނާދިރު ހާލަތަކީ ކޮވިޑް19ކަން ފާހަގަކުރެއްވިއެވެ. ވެކްސިނެއް، ބޭހެއް ފަރުވާއެއް އަދި އެއީ ކޮންއެއްޗެއްކަން ނޭނގޭ ބައްޔެއް ދުނިޔެއަށް ފެތުރިގަތުމަކީ ބޮޑު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
"ބޮޑެތި ބަލި ފެތުރުމާއި އެނދުމަތިވުމާ، މީހުން މަރުވުމުގެ ވާހަކަ ކުރިން ދެކެނީ ފޮތްތަކުން. މިފަހަރު ފެނުނީ ލޯމަތިން - ގޭތެރޭން. މުޅި ދުނިޔެ ގޮތްހުސްވެ ހުއްޓުމަކަށް އައި،" މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ތިން އަހަރެއްހާ މުއްދަތަށް ދެމިގެން ދިޔަ ވަބާ މިހާރު މިވަނީ މައިތިރި ޙާލަތަކަށް ގެނެވިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.