އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުން ޓެރަރިސްޓުންނަށް ހަދާފައި ނުވާނެ ކަމަށާއި އެފަދަ މޭރުމަކުން ވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށަ އެ ސްކޫލުން މިއަދުން ބުނެފިއެވެ.
އަރަބިއްޔާ އިން މިފަދައިން ބުނެފައި މިވަނީ ބައެއް މީޑިއާތަކުގައި އަރަބިއްޔާގެ ބެލެނެވެރިންނާއި ހަވާލާދީ ލިޔެފައިވާ ހަބަރުތަކާއި އަދި ސޯޝަލް މީޑިއާގައި އެ ސްކޫލާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
ބައެއް މީޑިއާތަކުގައި ވަނީ ނިގާބު އަޅައިގެން ސްކޫލަށްދާ ދަރިވަރުންގެ ނިގާބު އެކުދިންގެ ނުރުހުމުގައި ސްކޫލުން ނަގާފައިވާ ކަމަށާއި ބައެއް ދަރިވަރުން ގާތުގައި އެކުދިން ބޮޑުވެގެން ވާން ޓެރަރިސްޓަކަށްތޯ ސްކޫލުން އަހާފައިވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އަރަބިއްޔާ އިން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެ ސްކޫލުގެ ބަޔާނުގައި ބައެއް ދަރިވަރުން ސްކޫލުގެ ޔުނީފޯމް އުސޫލާ ހިލާފަށް އަންނާތީ އެކަން އިސްލާހު ކުރުމަށް އެފަދަ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނެވެރިންނަަށް ހަނދާން ކޮށްދީފައިވާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެއިން އެއްވެސް ދަރިވަރަކަށް ބިރު ދައްކާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ކުއްޖަކު ސްކޫލަށް ނައިސް ނުހުންނަ ކަމަށް އަރަބިއްޔާގެ ބަޔާނުގައިވެއެވެ. އަަރަބިއްޔާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ އަދި އެހެނިހެން މަންސަތަކުގައި ވާހަކަ ދެކެވެމުން ދަނީ ކަމުގެ ހަގީގަތާއި ހިލާފަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
އަރަބިއްޔާއާ ގުޅޭ ގޮތުން އެފަދަ ވާހަކަތައް ދެކެވެމުން އަންނަނީ އެ ސްކޫލު ބަދުނާމު ކުރުމަށް ކަމަށާއި އެކަމަކީ އެ ސްކޫލުން ވަރަށް ހިތާމަކުރާ ކަމެއް ކަމަަށްވެސް ބަޔާނުގައިވެއެވެ. އަދި އެއީ ބެލެނެވެރިންނާއި މުވައްޒަފުން ވެސް ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އެފަދަ ވާހަކަތަކުގެ ސަބަބުން އަރަބިއްޔާގައި ކިޔަވައިދޭ މުދައްރިސުންނަށް ނަފްސާނީ ގޮތުން އަސަރުކޮށް އަރަބިއްޔާ ސްކޫލަށް މުދައްރިސުން ލިބުމުގެ ދަތިކަމުގެ ބިރު އެބައޮތް ކަމަށް ބަޔާނުގައިވެއެވެ.
މި މައްސަލާގައި ރޭ އަރަބިއްޔާގެ ޕްރިންސިޕަލް ހުސައިން ސައީދު ވެސް ވަނީ “ހަތާވީސް”އާ ވާހަކަދައްކަވައިފައެވެ.
އިސްކަންދަރު ސްކޫލުގެ ވެސް ޕްރިންސިޕަލްކަން ކުރައްވަމުން އަންނަ ސައީދު ވިދާޅުވި ގޮތުގައި މައްސަލަ ދިމާވެގެން އުޅެނީ ބައެއް ކުދިންތައް އެ ޔުނީފޯމް ކޯޑާ ހިލާފަށް ސްކޫލަށް އަންނާތީ އެކަން އިސްލާހު ކުރުމަށް ސްކޫލުން އެދުމުން ކަމަށެވެ. އަދި އެކުދިންގެ ބެލެނެވެރިންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިކަމުގެ ތެރޭގައި އުޅެނީ ވަރަށް މަދު ބެލެނެވެރިންތަކެއް. ގާތްގަނޑަކަށް ހައެއްކަ ބެލެނެވެރިން،” މީޑިއާތަކުގައި ތަފާތު އަރަބިއްޔާއާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުން އަންނަ ފަރާތްތަކާއި ގުޅޭ ގޮތުން މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް ސައީދު ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި ޔުނީފޯމް ކޯޑަކީ ވަކި ކުދިންތަކަކަށް ނުވަތަ ކުއްޖަކަށް އޮންނަ އެއްޗެއް ނޫނެވެ. އެއީ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް އެ އެއްޗަކަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.